މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގައިދީން އިސްލާހުކޮށް ކުށުގެ ވެށީން ދުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރިހެބިލިޓޭޝަން ފްރޭމްވޯކުގެ ފޭސް އެކެއްގެ 13 ވަނަ ބެޗުގެ ތަމްރީން ފަށައިފި އެވެ.

މާފުށި ޖަލުގައި އިއްޔެ ފެށި އެ ފްރޭމްވޯކްގެ ފުރަތަމަ މަރުހަލާގެ 13 ވަނަ ބެޗުގައި 89 ގައިދީން ބައިވެރިވެފައިވެއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރިހެބިލިޓޭޝަންގެ މަސައްކަތްތައް ވަނީ މީގެކުރީން މެދުކަނޑާލާފައެވެ. އަދި މެދުކެނޑުމަށްފަހު މިއީ އެ ތަމްރީން އަލަށް ފަށައި ކުރިއަށް ގެންދާ ފުރަތަމަ ބެޗެވެ.

ކަރެކްޝަނަލް ސާވިސް އިން ހަތަރު މަރުހަލާގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވޯކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވޯކް ރާވާ ހިންގާއިރު މި ފްރޭމްވޯކްގައި ހިންގާ އެމްކިއުއޭ އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދޭނީ ކަރެކްޝަންސްގެ ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުންގެ އިތުރުން އެހެން ތައުލީމީ މުއްސަސާތަކުގެ މުދައްރިބުންނެވެ. ނަމަވެސް މި މަރުހަލާގައި ކުރިއަށް ގެންދާނީ ހަމައެކަނި އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތަކެވެ.