09 Jun 2020, 18:57
ކޮވިޑް-19 އާ ގުޅިގެން ނިއު ނޯމަލް އަށް ދިރިއުޅުން ބަދަލުކޮށް ސްކޫލުތަކުގެ ކިޔެވުން ފެށުމަށް ތައްޔާރުވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިފި އެވެ.
ނިއު ނޯމަލްގައި ކިޔެވުމަށް ތައްޔާރުވުމަށް އަންގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާފައިވާ ސާކިއުލާއެއް ވަނީ ރާއްޖޭގެ ސްކޫލުތަކަށް ފޮނުއްވާފައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެނޫންވެސް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަޝްވަރާކޮށް އެފަރާތްތަކުގެ ލަފަޔާއެކު ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް ތައްޔާރުވަމުން ދާ ކަމަށެވެ. އެގޮތުން ބަލިމަޑުކަމުގެ ހާލަތަށް ބަލައި ކިޔަވައިދިނުމަށް ތައްޔާރުވުމަށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.
ކޮވިޑް19 އާގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ވީ އެންމެ އަވަހަކަށް ސްކޫލުތައް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
ސްކޫލު އަލަށް ކިވައިދޭން ފަށާއިރު ސްކޫލުގެ ދަންފަޅިތައް ބަހާނެ ގޮތާއި ކްލާސްތައް ރާވާނީ ސްކޫލުގެ އާބާދީއަށް ބެލުމަށް ފަހުގައި ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އޭގެއިތުރުން ރަށުގެ ބަލިމަޑުކަމުގެ ހާލަތަށްވެސް އެ ކަމުގައި ބަލަން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ސްކޫލުތައް ހުޅުވާނެ ތާރީހެއް ކަނޑައަޅާނީ އެޗްޕީއޭއިން ކަމަށެވެ. އެހެންނަމަވެސް ސްކޫލުތަައް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ސާކިއުލާގައި އަންގާފައިވާ އިރުޝާދުތަކުގެ މަތީން ކުރިއަށް ގެންދިޔުމަށް އަންގާފައިވެއެވެ.