29 Dec 2011, 13:26
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާތަކާ ބޭހޭ ބައިން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް އެންޑް ޓޫރިޒަމް (އެންސީއޭ) އިން ބުނީ މީޑިއާ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ތެރެއިން މީޑިއާތަކުގެ ފަރާތުން ކަނޑައަޅާ މެންބަރަކު އިންތިހާބު ކުރުމަށް ދެ ވަނަ ފަހަރަށް ފުރުސަތު ހުޅުވާލީ އެ ކައުންސިލުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ކުރިން ހުޅުވާލި ފުރުސަތުގައި މީޑިއާތަކުން ކަނޑައާޅާ މެންބަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ. އަދި އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ޖެނުއަރީ12، 2012ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް އެންސީއޭ އިން ބުންޏެވެ.
މީޑިޔާ ކައުންސިލުން ހުސްވެފައިވާ ދެ މަގާމަކީ އެ ކައުންސިލުގައި ހިމެނިވަޑައިގެންނަވާ 15 މެންބަރުންގެ ތެރެއިން ހަވީރު ނޫހުގެ އަހުމަދު އަބްދުﷲ ސައީދާއި އަމިއްލަ މެންބަރު އަހުމަދު ފައިސަލް އެ ކައުންސިލުން އިސްތިޢުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ދެ މަގާމެވެ.
މއެ ދެ މަގާމަށް ކުރިމަތިލުމަށް އެންސީއޭ އިން ކުރިން ހުޅުވާލުމުން މުއްދަތު ހަމަވި އިރު ކުރިމަތިލާފައި ވަނީ ހަމައެކަނި އާއްމުންގެ ފަރާތުން ކަނޑައަޅާ މެންބަރުގެ މަގާމަށެވެ. އެ މަގާމަށް އެދި ހަތް ފަރާތަކުން ވަނީ ހުށަހަޅާފަ އެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާތަކުން އިންތިހާބުކޮށްފައިވާ އަށް މެންބަރުންނާއި އަދި އާންމުންގެ ފަރާތުން ކަނޑައަޅާ ހަތް މެންބަރެއްގެ މައްޗަށެވެ.