19:00
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި، ދައުލަތުގެ އެއްވެސް މުދަލެއް އެއްވެސް ފަރާތަކަށް ދޫނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރިތާ ހަ ގަޑިއިރު ވެސް ނުވަނީސް، އަދި އިދިކޮޅު ފަރާތްތަކުން އިންޒާރުދެމުން ދަނިކޮށް، މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ބޭރުގެ ކުންފުންޏަކާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން މިއަދު ސޮއިކުރައްވައިފި އެވެ.


އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގްއާ ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަށް 25 އަހަރުގެ މުއްދަތަށް މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، ޗެއާމަން ބަންދު އިބްރާހީމް ސަލީމެވެ. އަދި އިންޑިޔާގެ ޖީ.އެމް.އާރު.ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ޕީ.ސިރުޕަތީ އެވެ. މެލޭޝިޔާ އެއާޕޯޓްސް ހޯލްޑިންގގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޓާން ސްރީ ބަޝީރު އަޙްމަދެވެ.


މި ރަސްމިއްޔާތުގައި، ޖީ.އެމް.އާރު.ގެ ސީ.އީ.އޯ ސިރުޕަތީ ވިދާޅުވީ، މިއީ އެފަރާތަށް އެއާޕޯޓް ނެގުންނޫން ކަމަށެވެ. އަދި އެފަރާތުން އެއްބަސްވުމާ ހިލާފް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.


މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގެ މެނެޖިން ޑިރެކްޓަރ ބަޝީރު އަޙްމަދު ވާހަކަފުޅުގައި އެކުންފުނިން އޮޕަރޭޓްކުރާ އެއާޕޯޓްތަކާއި، ކުންފުނީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވި އެވެ.


މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއާމަން އަދި ސިވިލްއޭވިއޭޝަން މިނިސްޓަރ މަޙްމޫދު ރާޒީ މިއަދު ވިދާޅުވީ، މިކަމުގެ ސަބަބުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީވެ، އެއާޕޯޓުން ދައުލަތުގެ ބަޖެޓަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އަދި 25 އަހަރު ދުވަހަށް އެއާޕޯޓް ކުއްޔަށް ދިނުމުގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ، ދެ ފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި އެވެ. އަދި މިކަމުގައި އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދާ މައްސަލައާ ބެހޭގޮތުން، ޕްރައިވެޓައިޒޭޝަން ކޮމިޓީގެ މެންބަރު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު އަޙްމަދު އިނާޒް ވިދާޅުވީ، އެކަމުން ސިފަވެގެންދަނީ ސަރުކާރަށް ދަތިކޮށް، ބޭރުގެ އިންވެސްޓަރުން ރާއްޖެ އައުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.