ރިޔާޒް (9 ޖޫން 2020) : މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔުމާމެދު ސައުދީ ސަރުކާރުން އެކި ގޮތްގޮތަށް ވިސްނަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ސައުދީ އިސް ދެ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން ސައުދީގައި ކޮވިޑް-19 ފެތުރޭ މިންވަރަށް މާބޮޑު ބަދަލެއް ނާންނާތީ އެހެން އަހަރުތަކުގައި ހައްޖުގެ އަޅުކަން ކުރިޔަށް ގެންދާގޮތަށް މިއަހަރު އެކަން ކުރިޔަށް ގެންދެވޭކަށް ނެތެވެ. ސައުދީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއްލައްކަ ފަސްހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު ސައުދީ ހިމެނެނީ އެރޯގާ އެންމެ ބޮޑަށް ފެތުރިފައިވާ 20 ގައުމުގެ ތެރޭގައެވެ.

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކުގެ ތަރުތީބަށް ބަލާއިރު ސައުދީ ހިމެނެނީ 16 ވަނައިގައެވެ. ސައުދީގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ސިޓީކަމަށްވާ މައްކާއިން އިއްޔެވެސް 400 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ. މި ފެކްޓާތަކަށް ރިޢާޔަތް ކުރުމަށްފަހު ސައުދީ ސަރުކާރުގެ އެއްވިސްނުމަކީ މަދު އަދަދެއްގެ (ރަމްޒީ އަދަދެއްގެ) މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީގެން ހައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔުމެވެ.

އަދަދު މަދުކުރުމާމެދު ވިސްނަނީ މިދިޔައަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ އަދަދުގެ ގާތްގަނޑަކަށް 20 އިންސައްތައަށެވެ. އެއީ ކޮންމެ ގައުމަކަށްވެސް ދޫކޮށްފައިވާ ހައްޖު ކޯޓާގެ 20 އިންސައްތަ މީހުންނަށް ހައްޖުގެ ފުރުސަތު ދޭގޮތަށެވެ. މިގޮތަށް ފުރުސަތު ދޭނަމަ އެކަންކުރާނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރާމީހުން ނުހިމެނުން ޝަރުތުކޮށްފައެވެ.

އަނެއް ވިސްނުމަކީ ކޮވިޑް-19 ފެތުރިދާނެކަމުގެ ބިރަށް ރިޢާޔަތް ކުރުމަށްފަހު މިއަހަރުގެ ހައްޖުގެ އަޅުކަން އެއްކޮށް ކެންސަލް ކުރުމެވެ. ސައުދީ ގިނަ މަސްއޫލުވެރިންނާއި ސިއްޙަތާބެހޭ ތަޖްރިބާކާރުން ބުރަވެވަޑައިގަންނަވަނީ ދެވަނަ ވިސްނުމަށެވެ. އެއީ މިއަހަރުގެ ހައްޖުގެ އަޅުކަން އެއްކޮށް ކެންސަލް ކުރުމަށެވެ.

މިއަހަރުގެ ހައްޖު މޫސުން ފެށޭނީ އަންނަ ޖުލައިމަހުގެ ފަހުކޮޅުގައި ކަމަށްވިޔަސް ހައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔުމާ އަދި ނުގެންދިޔުމާމެދު ސައުދީ ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް ނިންމުމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ރޮއިޓާސް އިން ފެތުރި މިޚަބަރު ހައްޖުގެ ކަންތައްތަކާބެހޭ ސައުދީ ވުޒާރާއިންނާ އަދި ސައުދީ ސަރުކާރުގެ އިންފޮމޭޝަން ބިއުރޯއިން ދޮގުކޮށްފައެއް ނުވެއެވެ.

ހައްޖުގެ އަޅުކަމުގައި އާންމުގޮތެއްގައި 2.6 މިލިޔަން މުސްލިމުން ބައިވެރިވާއިރު އެކަމާ ގުޅިގެން ސަޢޫދީ ސަރުކާރަށް މާލީ ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 12 ބިލިޔަން ޑޮލަރު ލިބޭކަމަށް ވެއެވެ.

މިދިޔަ މާޗްމަހުގެ ކުރީކޮޅު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ވެއްޓުމާ ގުޅިގެން ސައުދީއަށްވަނީ ބަޖެޓް ދެކޮޅު ޖެއްސުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ތެލުގެ އަގު ވެއްޓުމުގެ ސަބަބުން ސައުދީ އަށް 75 ބިލިޔަން ޑޮލަރާއި 80 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބޭނެކަމަށް އެގައުމުން އަންދާޒާ ކޮށްފައިވާއިރު ކޮވިޑް-19 ގެ ސަބަބުން އިގްތިސާދީ ގިނަ ހަރަކާތްތައްވެސްވަނީ ހުއްޓިފައެވެ.

މި ގެއްލުން ފޫބައްދައި ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި ރިޒާވް ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުން ލޯން ނަގަން ނިންމާފައިވާ ކަމަށްވެސް ޖަދްޢާންވަނީ ވިދާޅުވެފައެވެ.

(ނޫސްއެޖެންސީތައް)