09 Jun 2020, 16:18
އެމެރިކާގެ ފުލުހެއްގެ އަނިޔާވެރިކަމުގައި މަރުވި އެެމެރިކާގެ އެފްރިކަން އެމެރިކަން ދަރިކޮޅަށް ނިސްބަތްވާ ޖޯޖް ފްލޮއިޑްގެ ޖަނާޒާ މިރޭ ލައިވް ސްޓްރީމްކުރާ ގޮތަށް ނިންމައިފިއެވެ.
ފްލޮއިޑްގެ ޖަނާޒާ މިރޭ ރާއްޖޭގެ ގަޑިން 09:10 ގައި ބާއްވަން ވަނީ ކަނޑައަޅައިފައެވެ.،
އެ ޖަނާޒާ ބާއްވަން ނިންމާފައިވަނީ އެމެރިކާގެ ފައުންޓެއިން އޮފް ޕްރެއިސްގެ ޗާޗުގައެވެ.
އެ ޖަނާޒާގައި ފްލައޮޑްގެ ހަޔާތުގައި ކުރިމަތިވި އަޑިގަނޑުތަކާއި އުސްގަނޑުތަކާ ގުޅޭ ގޮތުންނާއި އޭނާގެ މަރުގެ ސަބަވުން ދުނިޔޭގެ އެހެން މީހުންގެ ޝުއޫރުތަކުގެ ވާހަކައަށް އަލިއަޅުވާލާނެއެވެެ.
އެ ޖަނާޒާގެ ހުރިހާ ހަރަދެއް ބޮކްސިންގެ ޗެމްޕިއަން ފްލޮއިޑް މޭ ވެދާ ބަލަހައްޓައިދޭއިރު އެ ތަނަށް ވަދެވޭނީ އެންމެ 500 މީހުންނަށެވެެ.
ފްލޮއިޑްގެ ޖަނާޒާގައި މަޝްހޫރު ސިވިލް ރައިޓްސް އެކްޓިވިސްޓުން ބައިވެރިވެ ވާހަކަ ދެއްކެވުމަށްވެސް ވަނީ ހަަމަޖެހިފައެވެ.
އޭނާގެ ޖަނާޒާގައި ހިއުސްޓަންގެ މޭޔަރު ސިލްވެސްޓާ ޓާނާ އަދި ހޮލީވުޑްގެ އެކްޓަރު ޖެމީ ފޮކްސްވެސް ބައިވެރިވެލައްވާނެއެވެ.
ފްލޮއިޑްގެ މަރާ ގުޅިގެން މުޅި އެމެރިކާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާތައް ކުރަމުންނެވެ.
ފްލޮއިޑް މަރުވީ އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އެތައް އިރެއް ވަންދެއް ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން ހުރުމުން ނޭވާ ހާސްވެގެންނެވެެ.
އެމެރިކާގެ މިނިއާޕޮލިސްގައި ހިނގި އެ ހާދިސާއާ ގުޅިގެން އެކަމުގައި ޝާމިލްވި ހަތަރު ފުލުހަކު މަގާމުން ވަކިކޮށްފައިވާ އެ ހަތަރު މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެެ. --- ސީއެންއެން---