މިއީ ފަތުރުވެރިން ރާއްޖެ އަންނަން ފޮށިތަންމަތި ބަންނަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ހުޅުވާލުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިޝްތިހާރުގައި މިނިސްޓަރު އަލީ ވިދާޅުވީ އަންނަ ޖުލައި މަހު ޓޫރިޒަމް އަލުން ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"ރާއްޖޭގައި ޓޫރިޒަމް ސިނާއަތް އެންމެ ފުރަތަމަ ފެށުނީ 1972 ވަނަ އަހަރު. ޖުލައި 2020ގައި އަނެއްކާ ވެސް އަލުން ފެށޭނެ ކަމަށް އުންމީދު ކުރަން." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އެ އިޝްތިހާރުގައި މިނިސްޓަރު އަލީ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި ޖަޒީރާ ގައުމު ކަމަށެވެ.

"މިތަނުގެ މޫދާއި އަވި ދީފައި އޮންނަ ގޮތާއި ދޮންވެއްޔަށް ބަލާއިރު ދުނިޔޭގައި އެފަދަ ދެވަނައެއް ނުވޭ. މިއީ ދުނިޔޭގައި ވެސް އެންމެ އަމާން ތަން. ހަނީމޫން ހޭދަކޮށްލުމަށާއި އާއިލާތައް ގުޅުވާލަން މިއީ އެންމެ ރަނގަޅު މަންޒިލް. އަހަރެމެން [ޓޫރިޒަމް] އަލުން ހުޅުވާލާނަން. އެހެންވީމަ ފޮށިތައް ބަނދެ، އަވަހަށް ރާއްޖެއަށް އަންނަން ތައްޔާރުވެލާ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އަންނަ ޖުލައި މަހު ޓޫރިޒަމް ހުޅުވާލާނެ ކަމަށް މީގެ ކުރިން ވެސް މިނިސްޓަރު އަލީ ވަނީ ވިދާޅުވެފަ އެވެ. އަދި އަލުން ހުޅުވާލާއިރު ރިސޯޓުތަކާއި ފަތުރުވެރިން އަމަލުކުރަން ޖެހޭ އާ ގޮތްތައް ހިމެނޭ ގަވާއިދުތައް ވެސް ސަރުކާރުން ދަނީ އެކުލަވާލަމުންނެވެ.