ކައުންސިލަރުންގެ ދައުރު ދިގުދަންމަން ގާނޫނު އަސާސީ އިސްލާހު ކުރަން މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި އެ ޖަލްސާގައި ހަމަނުޖެހުން ހިނގީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތަޅުމުގައި އަޑުގަދަކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އޭނާގެ ނަން އިއްވައި ތަޅުމުން ބޭރަށް ދިޔުމަށް މަޖިލީހު ރައީސް، ރައީސް މުހައްމަދު ނަޝީދު އެންގެވުމުންނެވެ. ނަން އިއްވުމުންވެސް ޝިޔާމް ބޭރަށް ވަޑައިނުގަތުމުން، އެމްޑީޕީގެ މެމްބަރުން ވަނީ ތެދުވެވަޑައިގެން ގަދަކަމުން އޭނާ ތަޅުމުން ނެރެލައިފަ އެވެ. ޕީޕީއެމް/ޕީއެންސީއިން ތުހުމަތު ކުރާ ގޮތުގައި ގަދަކަމުން ޝިޔާމް ނެރެލީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށެވެ.

އެ ހާދިސާގައި ޝިޔާމްއަށް އަނިޔާވި ކަމަށް ޕީޕީއެމް/ޕީއެންސީއިން ވަނީ ބުނެފަ އެވެ. އަދި އެ ފަހުން އެ ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓު ކުރަން ނިންމައިފަ އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އަދި އެއީ މީގެ ކުރިން ވެސް އާންމުކޮށް އެ މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިއަދު އާދަމް ޝަރީފު ވިދާޅުވީ، މިދިޔަ ދެ ދުވަހު މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ގަވާއިދާ ހިލާފުވެ، މާރާމާރީ ހިންގާފައިވާތީ އެ ކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަމާ މައާފަށް އެދިވަޑައިގަތުމަށް ޝަރީފް އެމަނިކުފާނަށް ގޮވާލެއްވި އެވެ.

"މަޖިލީހުގެ ރައީސް މައާފަށް އެދިވަޑައިގަންނަވަން ޖެހޭ. މަޖިލީހަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާހެން ހިންގަން ހުރި ތަނެއް ނޫން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީއިން ބުނާ ގޮތުގައި، ޝިޔާމް ތަޅުމުން ނެރުމުގެ ތެރޭގައި އޭނާގެ މޭކައްޓެއްގައި ރެނދެއް ލުމުގެ އިތުރުން އިތުރު އަނިޔާތައް ލިބިފައިވެ އެވެ. އަދި އެކަމާ ގުޅިގެން ޕީޕީއެމްގެ އާންމު މެމްބަރުން ވަނީ ބައެއް ރަށްރަށުގައި އިހުތިޖާޖުވެސްކޮށްފަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ އަމަލަކީ އަނިޔާކޮށް މާރާމާރީ ހިންގުމުގެ އަމަލެއް ކަމަށް ބުނެ ޝިޔާމްގެ ފަރާތުން އެ މައްސަލަ ވަނީ ފުލުހަށްވެސް ހުށަހަޅައިފަ އެވެ. އަދި ޕީޕީއެމް/ޕީއެންސީއިން ވަނީ އެ މައްސަލަ ބަލައި، ރައީސް ނަޝީދަށާއި، ޝިޔާމްއަށް އަނިޔާ ކުރި ކަމަށް ބުނާ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ އަރިހުން އެދިފަ އެވެ.