09 Jun 2020, 13:21
ހުއްޓިފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ރޭ ވިޒިޓް މޯލްޑިވްސް އިން ބޭއްވި ހާއްސަ އިވެންޓެއްގައި ދައްކާލި އިޝްތިހާރުގެ އަގަކީ 3،000 ރުފިޔާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭގެ އިވެންޓުގައި ދައްކާލި އިޝްތިހާރުގައި ފެނިގެން ދަނީ މިނިސްޓަރު އަލީ ވަހީދެވެ. އަދި އެ އިޝްތިހާރަށް އަޑު އަޅުއްވާފައި ވަނީ ވެސް މިނިސްޓަރެވެ.
އިޝްތިހާރުގައި ފެންނަނީ ރީތި ފިނޮޅެއްގައި މޭޒެއް ބަހައްޓަވައިގެން މިނިސްޓަރު މަސައްކަތް ކުރައްވަން އިންނަވާ މަންޒަރެވެ.
އެ އިޝްތިހާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، އެ އިޝްތިހާރަށް ކުރި ހަރަދާ ގުޅޭގޮތުން ވެސް ސުވާލުތަކެއް ކުރިމަތިކުރުވި އެވެ. އަދި އެ އިޝްތިހާރަށް ކުރި ހަރަދު ހޯދުމަށް، ރާއްޖޭގެ ނޫހަކުން ވަނީ އިންފޮމޭޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
އެ މީޑިއާއިން އައިކޮމްގައި އެ މައުލޫމާތު ހޯދުމަށް އެދުމުން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޝްތިހާރުގެ ކެމެރާ މަސައްކަތާއި ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ކަމަށެވެ. އެ ޓީމުގައި ހިމެނެނީ މިނިސްޓްރީގެ ހަތަރު ސްޓާފެކެވެ.
އަގު ދީގެން ކުރުވާފައިވާނީ ހަމައެކަނި މިއުޒިކްގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއުޒިކް ކޮމްޕޯޒް ކޮށްދެއްވި ފަރާތަށް 3000 ރުފިޔާ ދެން. އެހެންވީމަ މުޅި އިޝްތިހާރުގެ ޖުމްލަ އަގަކީ 3000 ރުފިޔާ ނުވަތަ 194 ޑޮލަަރު،" މިނިސްޓަރު ވިދާޅުވި އެވެ.
އެ އިޝްތިހާރުގައި ރާއްޖޭގެ ދޮންވެލި ގޮނޑުދޮށަކާއި، ރީތި މޫދާއި ހިތްގައިމުކަން ދައްކުވައިދީފައިވެއެވެ.