އެކި ގައުމުތަކުގެ އިންޑަސްޓްރީތަކާ ގުޅިގެން މަސައްކަތް ކޮށްފި ނަމަ ފަތުރުވެރިކަން އަލުން ކޮޅަށްޖެހިދާނެ ކަމަށް ރާއްޖޭގެ ވިޔަފާރިވެރިޔާ ޗަމްޕާ ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަން ފެށުނު އިރު ވެސް އެ ސިނާއަތުގެ މުގުލުގައި އަފީފް ހުންނެވި އެވެ.

ރޭ ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ބޭއްވި ހާއްސަ އިވެންޓެއްގައި އަފީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ސުނާމީ އަދި ސާސް ފަދަ ވަބާތަކާ ވެސް ކުރިމަތިލި ކަމަށާއި އެ ހުރިހާ ގޮންޖެހުންތަކުން ވެސް އަޅުގަނޑުމެންނަށް އަރައިގަނެވުނު ކަމަށެެވެ.

ރާއްޖެއަކީ ޓުއަރިޒަމްއަށް ވަރަށް ބޮޑަށް ބަރޯސާ ވެގެން އޮންނަ ގައުމަކަށް ފަތުުރުވެރިކަމަށް ކުރާ އަަސަރުގެ ސަބަބުން މާލީ ގޮތުން އޭގެ ގެއްލުން ރާއްޖޭގެ ހުރިހާ އިންޑަސްޓްރީތަކަށް ހެން ހުރާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ވަބާއިން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ. ދުނިޔޭގެ އެކި އިންޑަސްޓްރީތަކުން ގުޅިގެން އުޅި ޕޮޒިޓިވްކޮށް ވިސްނައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި ނަމަ، އަޅުުގަނޑުމެންނަށް ގޭގައި މަޑުކުރުން ފަދަ ކުޑަކުޑަކަމަކުން ވެސް އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވިދާނެ. އަދި ރަނގަޅު ދަނޑިވަޅުގައި ރާއްޖެ ހުޅުވާލެވިދާނެ." އަފީފް ވިދާޅުވި އެވެ.

އަފީފް އިތުރަށް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އަނދިރިކަމުން އަލުން ދިއްލާލާ ދިވެހީން މޫނުތަކަށް ހިނިތުންވުން އަލުން އިއާދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެެ.

ރޭ ވިޒިޓް މޯލްޑިވްސް އިން ލައިވް ކުރި ހާއްސަ އިވެންޓްގައި ވަނީ ލަކީ ޑްރޯއެއް ބާއްވައި 30 ފަރާތެއް ގުުރުއަތުން ނަގައި އެމީހުންނަށް ހިލޭ ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފަ އެެވެ.