ކޮރޯނާވައިރަހާ ގުޅިގެން ފަސްކުރި ފުޓްބޯޅާ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބީ ކޮންގްރެސް މި މަހުގެ ތެރޭގައި ބޭއްވުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިޚާބު ބާއްވަން ޖެހޭ ތާރީޚުގެ ނުވަ މަސް ދުވަސް ކުރިން އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް އެ އިދާރާގެ ހިންގާ ކޮމިޓީން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއާ އެކު އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ މާޗު މަހުގެ 20 ވަނަ ދުވަހުގެރޭއެވެ.

އެކަމަކު ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން އެފްއޭއެމްގެ ހުރިހާ ހަރަކާތްތަކާ އެކު އެ އިންތިހާބީ ކޮންގްރެސްވެސް ފަސްކުރީ އެވެ.

ރާއްޖެޓީވީ އިން ރޭ ގެނެސްދިން "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި، މި މަހު އެ ކޮންގްރެސް ބޭއްވުމަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ ކޮންގްރެސް ބާއްވާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ލިބެން ޖެހޭ ހުރިހާ ހުއްދަތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ކަމާ ބެހޭ ފަރާތްތަކުގެ އެންގުމާއި އެއްގޮތަށް ކަމަށެވެ.

އެފްއޭއެމްގެ މަގާމުތަކަށް ކުރިމަތިލަން ހުޅުވާލި މުއްދަތު ހަމަވިއިރު ރައީސްގެ މަގާމަށް ބައްސާމް ފިޔަވައި އިތުރު ފަރާތަކުން ކުރިމަތިލާފައެއް ނުވެ އެވެ. މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމުގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ބައްސާމްގެ ދަށުން ސީނިއާ ނައިބު ރައީސްގެ މަގާމަށް މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމްގެ ކުރީގެ ފޯވަޑް އަލީ އުމަރުގެ ނަން ހުށަހަޅާފައިވާއިރު ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަން ނިންމާފައިވަނީ މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

ހިންގާ ކޮމިޓީގައި ދެން ހިމެނެނީ މިހާރުގެ ސީނިއާ ނައިބު ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި، މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި، ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި، އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) ގެ އިތުރުން މުހައްމަދު ޝިފާއު އެވެ.

ބައްސާމް ވިދާޅުވީ އިދިކޮޅަށް ކެންޑިޑޭޓަކު ނުނިކުތީ އެކަމަށް ރަނގަޅަށް ތައްޔާރުވެވިފައި ނެތުމުން ކަމަށާއި މި އަހަރު އިންތިހާބު އޮންނާނެކަން ހުރިހާ ފަރާތަކަށް ވެސް އެނގޭނެ ކަމަށެވެ.