29 Dec 2011, 13:02
ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމުގެ ތުހުމަތާއި މަގާމުގެ ޒިންމާތައް ފުރިހަމަ އަށް އަދާނުކުރައްވާ ކަމުގެ ތުހުމަތުގައި ގއ. ދާންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ޝުއައިބު އަބުދުﷲ މިއަދު އެ މަގާމުން ދުރުކޮށްފި އެވެ.
ދާންދޫ ކައުންސިލްގެ މެމްބަރަކު މިއަދު ބުނީ ކައުންސިލްގެ ނައިބު ރައީސް ޝުއައިބު އަބުދުﷲ މަގާމުން ދުރުކުރީ ރަސްމީ ކަންތައްތަކުގައި އަތޮޅުގެ އެހެން ރަށަކަށް ފޮނުވުމުން ކައުންސިލުން އޭނާ ހުންނެވުމަށް ހަމަޖައްސަވާފައިވާ އެކޮމޮޑޭޝަން ބޭނުން ނުކުރައްވައި އަމިއްލައަށް އެހެން ތަނެއްގައި ހުންނެވުމަށް ފަހު އެކަމަށް ފައިސާ ހޯއްދަވަން އުޅުއްވުމާއި ރަސްމީގަޑީގައި މަސްވެރިކަމަށް ނުކުންނެވުން ފަދަ ކަންތައްތައް ތަކުރާރުކޮށް ކުރައްވާތީ ކަމަށެވެ.
ޝުއައިބުގެ އިތުބާރު ނެތްކަމަށް ދާންދޫ ކައުންސިލުން މިއަދު ފާސްކުރީ ހަތަރު މެމްބަރުންގެ ވޯޓުންނެވެ.
ވެރިކަންކުރާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދާންދޫ ކައުންސިލްގެ ނައިބު ރައީސް ކަމުން މިއަދު ދުރުކުރި ޝުއައިބު އެ މަގާމުން ދުރުކުރީ އެމްޑީޕީން އޭނާ ވަކި ނުކުރުމަށް އަންގާފައި ވަނިކޮށް ކަމަށް މައުލޫމާތު ދިން މެމްބަރު ވިދާޅުވި އެވެ.
އެކަމާ ބެހޭ ގޮތުން ދާންދޫ ރަށު ކައުންސިލްގެ ރައީސް އިމްރާން ވަހީދުގެ ބަހެއް އޭނާ ފޯނު ނިއްވާލާފައި އޮތުމުން ވަނީ ނުލިބިފަ އެވެ.