09 Jun 2020, 11:55
ވޮޝިންޓަން (ޖޫން 9): އެމެރިކާގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުރީގެ ފުލުސް މީހާ ޑެރެކް ޝޮވިން ކަފާލާތުގެ ދަށުން މިނިވަން ވާން ބޭނުން ނަމަ 1.25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ކޯޓުން ކަނޑައަޅައިފި އެވެ.
ފްލޯއިޑްގެ މަރުގެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޝޮވިން ބައިވެރިވީ ޓެލެކޮންފަރެންސް މެދުވެރިކޮށެވެ. އަދި 15 މިނިޓަށް ދެމިގެންދިޔަ އެ އަޑުއެހުމުގައި އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އެވެ.
ޝޮވިންގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާއެއްކޮށްފަ އެވެ. އަދި އޭގެއިން މީހަކު މެރުމުގެ ދެވަނަ ގިންތީގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ގިނަވެގެން 40 އަހަރަށް ޖަލަށް ލެވޭނެ އެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރު އިއްޔެ ވަނީ ޝޮވިން އެއްވެސް ޝަރުތަކާ ނުލައި ކަފާލާތުގެ ދަށުން ދޫކޮށްލާ ނަމަ 1.25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އަންގަވާފަ އެވެ. އަދި ޝަރީއަތް ނިމެންދެން ފްލޯއިޑްގެ އާއިލާއާ މުއާމަލާތް ނުކުރުމަށާއި އޭނާގެ ހަތިޔާރު ހަވާލު ކުރުމަށާއި ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި މަސައްކަތް ނުކުރުން ފަދަ ޝަރުތުތަކާ އެކު މިނިވަން ކުރާ ނަމަ ކަފާލާތަށް ދައްކަން ޖެހޭ އަދަދު އެއް މިލިއަނަށް ދަށްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މިނިސޯޓާ ސްޓޭޓް ޖަލުގައި މިހާރު ހުރި ޝޮވިންގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 29ގަ އެވެ.
ޝޮވިންގެ އިތުރުން، ފްލޯއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ތިން ފުލުހެއްގެ މައްޗަށް ވަނީ މަރުގައި އެހީވުމުގެ ދައުވާކޮށްފަ އެވެ.
މިދިޔަ މަހުގެ 25ގައި ފްލޯއިޑް މަރުވީ އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅޭ ކަމަށް ބުނެ މީހަކު ކުރި ޝަކުވާއަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރަން ގޮސް، ޝޮވިން އޭނާގެ ކަރަށް ފައި އަރުވައިގެން ހުރުމުންނެވެ.
މެޑިކަލް ރެކޯޑުތަކުން ދެއްކި ގޮތުގައި ޝޮވިން ވަނީ ފްލޯއިޑްގެ ކަރަށް ފައި އަރުވައިގެން އަށް މިނިޓާއި 46 ސިކުންތު ވަންދެން މަޑުކޮށްފަ އެވެ.
ޝޮވިންގެ މަރާ ގުޅިގެން އެމެރިކާާ އާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދަނީ ނަސްލީ އިމްތިޔާޒުތަކާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.
ފްލޯއިޑްގެ އާއިލާއިން ދަނީ އޭނާ އުޅެ ބޮޑުވި ޓެކްސަސްގައި މިއަދު އޭނާގެ ޖަނާޒާ ބާއްވަން ތައްޔާރުވަމުންނެވެ.