މެދުކަނޑާލައިފައިވާ އިޓާލިއަން ލީގު މި މަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ލީގުގެ ޝެޑިއުލަށް ބަދަލު އައުމާ އެކު ސަމާ ޓްރާންސްފާ އަންނަ ސެޕްޓެމްބަރަށް ފަސްކޮށްފި އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ފަށާފައިވާ އިރު މި މަަހުގެ ތެރޭގައި އެ ލީގުތައް ވެސް ފަށާނެ އެވެ.

މި އައި މެދުކެނޑުމުގެ ސަބަބުން ހުރިހާ ލީގެއްގެ ޝެޑިއުލްތައް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަން ޖެހިފަ އެވެ. އެއާ އެކު ކޮންމެ އަހަރަކުވެސް އަހަރުގެ މެދަކާ ހަމައިގައި އޮންނަ ޓްރާންސްފާ މާކެޓަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ. އެގޮތުން އިޓަލީގެ ކުލަބުތަކަށް ޓްރާންސްފާ މާކެޓު ހުޅުވާލާނާ އަންނަ ސެޕްޓެމްބަރު މަހު ކަމަށް އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއައިޖީސީ) އިން ވަނީ ބުނެފަ އެވެ.

އެފްއައިޖީސީ އިން ބުނި ގޮތުގައި އިޓާލިއަން ލީގުގެ ކުލަބުތަކަށް ޓްރާންސްފާ މާކެޓް ހުޅުވާލަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަހަރު ކުރީކޮޅު އޮންނަ ޓްރާންސްފާ މާކެޓް ޖަނަވަރީ ހަތަރަކުން ފެށިގެން 31 ގެ ނިޔަލަށް ބޭއްވުމަށް ވެސް ވަނީ އެފްއައިޖީސީ އިން ނިންމާފަ އެވެ.

އިޓާލިއަން ލީގުގެ ކުޅުން މި މަހުގެ 20 ވަނަ ދުވަހު ފަށަން ނިންމާފައިވަނީ ހަރުކަށި ފިޔަވަޅުތަކަކާ އެކު އެވެ. އެގޮތުން އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ގަވާއިދުތަކަށް ފަރުވާތެރި ނުވާ ކުލަބުތަކަށް ފިޔަވަޅު އަޅާނެކަން ހާމަކޮށްފައިވާ އިރު، ކުލަބުތަކުގެ ޕޮއިންޓް އުނިކުރުާ ހިސާބަށް ވެސް އަޅާ ފިޔަވަޅުތަކަށް ދޭ އަދަބު އިތުރު ވާނެ ކަމަށް އެފްއައިޖީސީ އިން ވަނީ ބުނެފަ އެވެ.