ކުޑަކުދިންގެ ޕާކް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ރަށްތަކުގެ އިތުރުން، އިތުރު 15 ރަށެއްގައި ޕާކު ހެދުމަށް ބޭނުންވާނެ ސާމާނު ލިބިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ރަށްރަށުގައި ގާއިމްކުރަން ނިންމާފައިވާ އިތުރު 15 ކުޑަކުދިންގެ ޕާކްތަކަށް ބޭނުންވާ ސާމާނު ގެނެސްފައިވާ ކަމަށް މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މިފަހަރު މިނިސްޓްރީން ޕާކު އަޅާ ސާމާނު ގެނައީ ފ.މަގޫދޫ، އދ.އޮމަދޫ، ކ،ދިއްފުށު، ފ.ފީއަލި، އދ.ދަނގެތި، އދ.ދިގުރަށް ކ.ކާށިދޫ ފ.ދަރަނބޫދޫ، މ.ދިއްގަރު، ހއ.ކެލާ، ގދ.ނަޑެއްލާ، ނ.މާފަރު، ލ.ފޮނަދޫ، ރ.މަޑުއްވަރި، އއ.ހިމަންދޫ އަށެވެ.

މި ރަށްރަށުގައި ޕާކް އެޅުމަށް ބޭނުންވާ ސާމާނުތައް މިހާރު މާލެ ގެނެސް ގަލޮޅު ދަނޑުގައި ބެހެއްޓިފައި ހުރި އިރު، ވީހާވެސް އަވަހަކަށް އެ ސާމާނުތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުޖުތަމައު ބާރުވެރިކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 50 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މިނިސްޓްރީން މިދިޔަ މާރޗް މަހު ވަނީ ބުނެފަ އެވެ. އެގޮތުން ބައެއް ރަށްރަށުގައި ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މާލެއަށް ގެނެވިފައިވާއިރު މިނިސްޓްރީއިން މިހާރު އެ ސާމާނުތައް ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ދޫކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ޕާކު އަޅާ ސާމާނު ދޫކޮށްފައިވާ ރަށްރަށަކީ ގދ. ތިނަދޫ، ގދ. ރަތަފަންދޫ، ބ. ކިހާދޫ، އދ. ކުނބުރުދޫ، އއ. ރަސްދޫ، ތ. ކަނޑޫދޫ، ކ. ގުޅި، ކ. ގާފަރު، ތ. ވަންދޫ، ރ. ވާދޫ އަދި ހއ. ތުރާކުނެވެ.