09 Jun 2020, 10:04
މުމްބާއީ (ޖޫން 9): އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު، ޗައިނާއިން ފެނުނު ޕޮޒިޓިވް ކޭސްތަކަށް ވުރެ އިތުރުވެއްޖެއެވެ. ޗައިނާއަކީ ކޮވިޑް19 ބަލި އެންމެ ފުރަތަމަ ފެނުނު ގައުމެވެ.
ޗައިނާއިން މިހާތަނަށް 84،195 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާ އިރު، އިންޑިއާގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި މަހާރަޝްތުރާ ސްޓޭޓުން މިހާތަނަށް 85،900 އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އެ ސްޓޭޓުން 3،060 މީހަކު ކޮވިޑް19 ޖެހިގެން މަރުވެފައި ވެއެވެ.
މަހާރަަޝްތުރާއިން ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ އެ ސްޓޭޓުގެ ވެރިރަށް މުމްބާއީގައެވެ. އަށާރަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީގައި 48،549 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 1،636 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާއަކީ މިހާރު ދުނިޔެއިން ފަސްވަނައަށް އެންމެ ބޮޑަށް ކޮވިޑް19 ފެތުރިފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް ޖުމްލަ 265،928 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، 7،473 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާއިން ވަނީ އެ ގައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް އެގައުމުގެ ބައެއް ސަރަަހައްދުތަކުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފަ އެވެ. އެ ފިޔަވަޅުތައް ލުއި ކުރަނީ ބަލި ފެތުރުމުގެ ނުރައްކާ އޮތް މިންވަރު އަންދާޒާ ކުރުމަށް ފަހު، ނުރައްކާ ކުޑަ ސަރަހައްދުތަކުގަ އެވެ.