ވެރިކަމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ޝަރީއަތް އެ ގައުމުގެ ކޯޓުން އަންނަ އަހަރު ޖެނުއަރީ ދެ ވަނަ ދުވަހާ ހަމައަށް ފަސްކޮށްފި އެވެ.

މަސްތަކެއް ވަންދެން ހުއްޓާލާފައި އޮތުމަށް ފަހު މުބާރަކުގެ ޝަރީއަތް އަލުން ފެށީ އިއްޔެ އެވެ. އިއްޔެ ހުދު ހެދުމެއްގައި ގައިކޮޅުގައި ހުދު ފޮތިގަނޑެއް އަޅައިގެން ސްޓްރެޗާއެއްގައި މުބާރަކު ކޯޓަށް ވެއްދި އިރު ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް 5000 އަށް ވުރެ ގިނަ ފުލުހުން މިސުރުގެ އަސްކަރީ ސަރުކާރުން ނެރުނެވެ.

މުބާރަކުގެ ޝަރީއަތް ބެލުމަށް އިއްޔެ ކޯޓްކައިރިއަށް އެއްވި އޭނާގެ ބައެއް ސަޕޯޓަރުން އޭނާގެ ފޮޓޯތައް ހިފައިގެން ތިބި އިރު މުބާރަކުގެ ވެރިކަމުގައި އެ ގައުމުގައި ކުރި މުޒާހަރާތަކުގައި މަރުވި މީހުންގެ އާއިލާތަކުގެ ގިނަ އަދަދެއްގެ މީހުން ތިބީ މަރުވި މީހުންގެ ފޮޓޯތައް ހިފައިގެންނެވެ.

ބުދަ ދުވަހު އޮތް މުބާރަކުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދެވުނީ ކުޑަވަގުތުކޮޅަކަށް ކަމަށް އަލްޖަޒީރާ ބުންޏެވެ.
މުބާރަކުގެ ޝަރީއަތް ލަސްކުރުމާ ގުޅިގެން މިސްރުގެ ސިޔާސީ ހަމަނުޖެހުންތައް އަނެއްކާ ވެސް ވަނީ ވަރުގަދަވެފަ އެވެ. އެގޮތުން އެގައުމުގެ ސިފައިންނާ އާއްމުންނާ ދެމެދު އިއްޔެއިން ފެށިގެން ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ.