ކޮވިޑް-19 ގެ އިގްތިސާދީ ގެއްލުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ޖުމްލަ 1.9 މިލިއަން ރުފިޔާ މިހާތަނަށް ދެވިފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފި އެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އިންކަމް ސަޕޯޓުގެ ގޮތުގައި 488 ފަރާތަކަށް ފައިސާ ހަވާލުކުރެވިފައިވާ ކަމަށް އެންއީއޯސީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އިންކަމް ސަޕޯޓުގެ ގޮތުގައި ޖުމްލަ 488 ބޭފުޅަކަށް ފައިސާ ދެވިފައިވާ ކަމަށް. އޭގެ ޖުމްލަ އަދަދަކީ 1.967 މިލިއަން ރުފިޔާ." މަބްރޫކު ވިދާޅުވި އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެންސްޕާ މެދުވެރިކޮށް ދޫކުރެވޭ މި ފައިސާ ހަވާލުކުރެވެނީ މާޗް 1، 2020ގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތައް އަދި މުސާރަ ނުލިބޭގޮތަށް ނޯ ޕޭ ލީވް އަށް ފޮނުވާލެވިއިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހަށެވެ.