29 Dec 2011, 12:26
ރާއްޖޭގައި އެންމެ ފުޅާކޮށް ސައިކަލުގެ ވިޔަފާރިކުރާ ޝީޝާގެ ތިންބެއިން އެސްބީއައި ގައި ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ގެއްލުމުން އެސްބީއައިގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށައިފި އެވެ.
އެސްބީއައިގެ މައްޗަށް ދައުވާ ކުރީ ޝީޝާގެ ތިން ބެއިން ކަމަށްވާ ހ. ޝީޝާވެހި، އަހުމަދު ހަސަން މަނިކާއި، މއ. ހުޝާމްއިން، އިބްރާހިމް ހުޝާމް އަދި ހަމަ އެގޭ ހުސައިން ހުޝާމެވެ.
ޝަރީއަތުގައި ޝީޝާގެ ތިން ބެއިން ކޯޓުގައި އެދިފައި ވަނީ އެކައުންޓުން ގެއްލުނު 18 މިލިއަން ރުފިޔާ ވަގުތުން ވަގުތަށް އެކައުންޓަށް ޖަމާކޮށްދިނުމަށް އެސްބީއައި ގެ މައްޗަށް އަންގައި ހުކުމް ކޮށްދެއްވުމަށެވެ.
ތިން ބުނީ އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުން ގެއްލުނު 18 މިލިއަން ރުފިޔާއިން އެ ބޭފުޅުން އިންވެސްޓްކުރަން ބެލިއިރު އެފައިސާ އެވަގުތު އެކައުންޓުން ލިބެން ނެތުމުން ވިޔަފާރިއަށް ލިބުނު 4.5 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދަން ވެސް ބޭނުންވާ ކަމަށާއި އެފައިސާ ހޯދަން ހޭދަކުރާ ގާނޫނީ ފީގެ ގޮތުގައި ގާނޫނީ ވަކީލަށް ދޭންޖެހޭ ފަސްލައްކަ ރުފިޔާ އެސްބީއައި އިން ނަގައި ދިނުމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ތިންބެއިންގެ ވަކީލު ވިދާޅުވީ ޕޭމަންޓްތަކާއި ބެހޭގޮތުން އެސްބީއައިއާ ސުވާލުކުރުން 18 މިލިއަން ރުފިޔާ ބޭންކުން ރިލީސް ކުރުމަށް ބޭނުންކޮށްފައިވާ ދެ ފެކްހުގެ ކޮޕީ ދިން ކަމަށާއި އެ ޑޮކިއުމެންޓްތަށް އެސްބީއައި އަށް ފެކްސް ކޮށްފައިވަނީ ސިގްނޭޗާ ޕްރިންޓް ނަމަކަށް ކިޔާ ތަނަކުން ކަމަށެވެ.
ވަގު ޑޮކިއުމެންޓްގައި "އަހުރެންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެކޭ" މިފަދައިން ލިޔެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވިދާޅުވީ ޑޮކިއުމެންޓްގައިވާ ސޮޔަކީ ސްކޭންކޮށްފައިވާ ސޮއެއް ކަމަށާއި އެ ޑޮކިއުމެންޓަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެބޭންކަށް ހުށަހަޅާފައިވާ ވަގު ޑޮކިއުމެންޓަކަށް ވުމުން އެކަމުގެ ޒިންމާ އެސްބީއައި އިން އުފުލަން ޖެހޭނެކަމަށެވެ.
ޝީޝާގެ ތިން ބެއިން ބުނީ އެމީހުން އެސްބީއައިއާ މުއާމަލާތް ކުރާތާ 15 އަހަރު ވެފައިވާ ކަމަށާއި 15 އަހަރު ތެރޭގައި ވެސް ފެކްސް މެދުވެރިކޮށް ފައިސާ ނަގަން އެސްބީއައި އަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީ ވުމަށް އެސްބީއައިގެ ވަކީލަށް ފުރުސަތު ދެއްވުމުން ވިދާޅުވީ ލިޔުމުން ޖަވާބުދާރީ ވުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ޖެނުއަރީ އަށްވަނަ ދުވަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހުއެވެ. އެ ދުވަހު އޮންނާނީ އެސްބީއައި އިން ދައުވާއަށް ޖަވާބުދާރީ ވުމެވެ.