08 Jun 2020, 22:17
އިތުރު 98 މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ބަލިން މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 925 އަށް އަރައިފައިވާކަމަށެވެ.
މިއަދު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 13 ފަރާތެކެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިވަނީ 1،916 އަށް އަރައިފައެވެ.
ބަލިން 98 މީހަކު މިއަދު ރަނގަޅުވުމާއެކު ރާއްޖޭގައި މިވަގުތު ހުރި އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 981 އަށް ދަށްވެފައެވެ.
މަބްރޫކު ވަނީ ކޮވިޑް-19 އަށް މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާ ދެވެމުންދާކަމަށާއި އެހެންނަމަވެސް ވެންޓިލޭޓަރުގައި އެއްވެސް މީހަކަށް މިހާރު ފަރުވާ ދެވެމުން ނުދާކަމަށެވެ.
މަބްރޫކު ވިދާޅުވިގޮތުގައި ޓްރީޓޮޕްގައި އެއް ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެވެމުންނެވެ. ދެން ތިބި ނުވަ ފަރާތަށް ފަރުވާ ދެވެމުން ދަނީ އެ ހޮސްޕިޓަލުގެ ވޯޑުގައިކަމަށް މަބްރޫކު ވިދާޅުވި އެވެ.
ބަލީގެ ސަބަބުން މިހާތަނަށް ރާއްޖެއިން އަށް މިހާކު ނިޔާވެފައިވާއިރު މީގެ ތެރޭގައި ހަތަރު ދިވެހިން އަދި ހަތަރު ބަންގްލަދޭޝް ރައްޔިތުން ހިމެނެއެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު ތިބީ 428 މީހެކެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ތިބީ 1،049 މީހެކެވެ.