ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 13 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ޓްވީޓުކުރި ގޮތުގައި މިއަދު ޕޮޒިޓިވެފައިވަނީ ހަތް ދިވެހީންނާއި ފަސް ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑޮނޭޝިޔާގެ މީހެކެވެ. މިއީ ރާއްޖެއިން އިންޑޮނޭޝިޔާ މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ޖުމްލަ ޕޮޒިޓިވްވެފައިވަނީ 1،916 މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ރާއްޖެގައި ތިބީ 981 ކޭސް އެވެ.

މި ބަލީގައި މިހާތަނަށް އަށް މީހަކު ނިޔާވެފައިވާއިރު މީގެ ތެރޭގައި ބަންގްލަދޭޝްގެ ހަތަރު މީހަކު އަދި އުމުރުން ދުވަސްވީ ހަތަރު ދިވެހީން ހިމެނެއެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު ތިބީ 428 މީހެކެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ތިބީ 1،049 މީހެކެވެ.

ބައްޔަށް 30،888 ސާމްޕަލް މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނަގައިފަ އެވެ.

އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ އެންމެ ދެ މީހުންނެވެ. ކޮމިއުނިޓީ ސްޕްރެޑް އޭޕްރިލް 15 ވަނަ ދުވަހު މާލޭގައި ފެށުނު ފަހުން އެންމެ މަދުން ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ އިއްޔެ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިގެންދިޔައީ މާޗް މަހުގެ ހަތް ވަނަ ދުވަހުއެވެ. ރާއްޖެއިން ފެނިފައިވާ ކޭސްތަކުގެ 33 ޕަސެންޓް ދިވެހީންނަށް ވާއިރު ބާކީ 67 ޕަސެންޓަކީ ބިދޭސީންނެވެ. މީގެ ތެރޭގައި ބަންގްލަދޭޝްގެ 1،027 މީހަކު އަދި އިންޑިޔާގެ 190 މީހަކު ހިމެނެއެވެ. ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ހުރީ 646 ގަ އެވެ.