ރާއްޖެއިން ޗައިނާއަށް އަދާ ކުރަން ޖެހޭ ދަރަނި ފަސް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ޖީ-20ގައުމުތަކަށް ތަރައްގީވަމުން އަންނަ ގައުމުތަކުން އަދާ ކުރަން ޖެހޭ ދަރަނި ވަކި މުއްދަތަކަށް ފަސް ކުރުމަށް "ޖީ-20 ޑެބްޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް"ގެ ނަމުގައި އެ ގައުމުތަކުން ވަނީ މަސައްކަތެއް ފަށައިފައެވެ. އެ އިނިޝިއޭޓިވްގެ ދަށުން ދަަރަނި ފަސް ކުރުމަށް ޝަރުތު ހަމަވާ 76 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ރާއްޖެއިން ޗައިނާއަށް އަދާ ކުރަން ޖެހޭ ދަރަަނި އެ އިނިޝިއޭޓިވްގެ ދަށުން ފަސްކޮށްދިނުމާ ގުޅޭ ގޮތުން މިއަދު ޗައިނާ ސަފީރާއި ފޮރިން މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސަފީރު ވިދާޅުވީ، ޗައިނާއިން ދަރަނި ފަސްކޮށްދޭން ވިސްނަމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ޗައިނާއިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބީޖީއައި މެދުވެރިކޮށް ލެބޯޓަރީއެއް ގާއިމް ކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރިއެވެ.

ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ވިދާޅުވީ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު ކަމަށެެވެ.