ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އިން އެކުލަވާލާފައިވާ ރިޕޯޓާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނުނިންމަނީސް އިޒްރޭލްގެ ގައުމީ އެއާލައިން "އެލްއާލް"ގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ހުއްދަ ނުދިނުމަށް، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ސަރުކާރަށް ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނުނިންމަނީސް އިޒްރޭލް ފްލައިޓް ރާއްޖޭގައި ޖެއްސުމުގެ ރިސްކު ނުނެގުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
"ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމާފައިވާ ރިޕޯޓާ މެދު ގޮތެއް ނިންމުމަށް އެޖެންޑާކުރަން އެމްޑީޕީން ތާއީދު ކުރާނަން. ސަރުކާރުގެ ވަޒީރަކު ބުނާ އެއްޗަކަށް ޕާލަމެންޓްރީ ގްރޫޕުން ބުނަން ޖެހޭ ބަހެއް ބުނާނެ. އެ މައްސަލަ ދިރާސާކޮށް ނިމުމުގެ ކުރިން ހުއްދަ ނުދިނުމަށް ސަރުކާރަށް ގޮވާލަން. އެ ރިސްކު ނުނެގުމަށް ސަރުކާރަށް ގޮވާލަން،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވެސް މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ އެ މަޖިލީހުގެ މި އަހަރުގެ އެންމެ ފަހު ޖަލްސާކަމަށް ވާތީ އިޒްރޭލް ފްލައިޓާ ބެހޭ ގޮތުން ވީހާ އަވަހަކަށް މަޖިލީހުން ގޮތެއް ނިންމުމަށް ޓަކައި އެކަމާ ބެހޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމާފައިވާ ރިޕޯޓާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ އާއްސަ ޖަލްސާއެއް ބޭއްވުމަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އަލީ ވަހީދު ވަނީ ތާއީދު ވެސް ކުރައްވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުމަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ތާއީދުކޮށްގެން، ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ވާހަކަ މަޖިލީހުގެ ގަވާއިދުގައި ނޯންނަ ކަމަށެވެ. އެހެންކަމުން އެ ހުށަހެޅުން ރިޔާސަތުން ބަލައި ނުގަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދުގައި، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ތާއީދުކޮށްގެން މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމުގެ ވާހަކައެއް ނޯވޭ. އެހެންވީމަ ތިޔަ ދެއްކެވި ވާހަކަތަކަކީ މިއަދުގެ މި އެޖެންޑާ އައިޓަމްގެ ދަށުން މަޖިލީހުގެ ރިޔާސަތުން ބަލައިގަންނަ ވާހަކަތަކެއް ނޫން،" ޝާޙިދު ވިދާޅުވި އެވެ.

އިޒްރޭލްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ނިންމާފައިވާ ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލަ ބަލައި، ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އިޒްރޭލްގެ މަތިންދާ ބޯޓެއް ރާއްޖެ އައުން މަނާކުރުމަށް މަޖިލީހަށް ހުށަހަޅައިގެން ގަރާރެއް ފާސްކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ނިންމައި ރިޕޯޓެއް އެކުލަވާލާފަ އެވެ.
ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދުގެ ނިޔަލަށް ނިމި، ދެ މަސް ދުވަހުގެ ޗުއްޓީ އަށް ދިއުމުގެ ކުރިން، އިޒްރޭލްގެ ފްލައިޓްގެ މައްސަލަ ކޮމިޓީން ނުނިންމޭނެތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ އެކަމާ ބެހޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އިއްޔެ ނިންމި ރިޕޯޓް މެންބަރުންނަށް ފޮނުއްވަމުން ގެންދަވާ ކަމަށެވެ.

އިޒްރޭލްގެ ގައުމީ އެއާލައިނަށް ރާއްޖެ އިން ހުއްދަދޭން އުޅޭ މައްސަލައިގައި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.