އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާއި އެމީހުންގެ ނަސްލީ އިމްތިޔާޒުގެ ވާހަކައަކީ އައު ވާހަކައެއްނޫނެވެ.

އެމެރިކާ ފުލުހުން އާންމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަކީ ވަރަށް ފާޅުކަން ބޮޑު އަމަލުތަކެކެވެ. އެޖަރީމާތަކާ ގުޅިގެން އެމީހުންނަށް މާބޮޑު އަދަބެއް ނުލިބެއެވެ. އަނިޔާވެރި އަމަލުތައް ހިންގާ އެމެރިކާގެ ފުލުލުންނަށް އަދަބުން ފިލުމަކީ ދަތިކަމެއް ނޫނެވެ. އެމެރިކާ ފުލުހުން އާންމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާބެހޭ މައްސަލަތައް ތަހްގީގް ކުރުމަށް ގިނަފަހަރު އެތަށް މަހެއް ނުވަތަ ބައެއްފަހަރު އެތަށް އަހަރެއް ހޭދަވެއެވެ.

ތަހްގީގަށްފަހު ޕޮރޮސެކިއުޓަރަށް ފޮނުވުމުން ދައުވާ ކުރަންފޮނުވުމަށްވެސް އެހާ ދިގު މުއްދަތެއް ނަގައެވެ. އެއަށްފަހު ކޯޓުތަކުގައި އެކަން އަދި އިތުރަށް ދިގުދެމިގެން ދެއެވެ. ދައުވާގެ ކަންތައް ނުނިމި އެތަށް އަހަރެއް ވޭތުވެގެން ދެއެވެ. މީގެއިތުރުން ދައުވާކުރުމަށް ފޮނުވުމަށްފަހު އެކިއެކި ފިއްތުންތަކާ ގުޅިގެން މައްސަލަ އަނބުރައި ގެނައުމަކީވެސް އާންމު ކަމެކެވެ.

ޚާއްސަކޮށް ދޮން ނަސްލުގެ ފުލުހަކު ކަޅުނަސްލުގެ މީހަކަށް އަނިޔާކޮށްފިނަމަ އަދަބުން ސަލާމަތް ވުމަކީ ދޮންނަސްލުގެ މީހާއަށް އެމެރިކާގައި ފަސޭހަ ކަމެކެވެ. އަނިޔާ ލިބޭ ކަޅުނަސްލުގެ މީހާއަށް އިންސާފު ލިބުމަކީ ނާދިރު ކަމެވެ. އެމެރިކާގައި މިހާލަތު އޮންނަތާ އެމެރިކާގެ ޑިމޮކްރަސީއަށް ވީ ދުވަހެއްވެފައިވީ ނަމަވެސް މިކަން އިސްލާޙު ކުރާކަށް ނޫޅެއެވެ. އަދި އިސްލާހުކުރެވޭނެ ދުވަހެއްވެސް ނޭންގެއެވެ.

ދާދިފަހުން އެމެރިކާގެ ސިޓީއެއްކަމަށްވާ މިނިޔާ ޕޮލިސްގައި ފުލުހުންގެ ދޮން ނަސްލުގެ މީހަކު އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ގެ ކަރަށް ކަކުލުން އަރައި ހާސްކޮށްގެން އޭނާ މަރާލި ޖަރީމާއާ ގުޅިގެން މުޅި އެމެރިކާވަނީ ގުޑައިފައެވެ.

ފްލޮއިޑް ގެ ގާތިލް އާއި އޭނާ މަރާލުމުގައި ވާގިވެރިވި ދޮން ނަސްލުގެ ފުލުހުން އަވަސްގޮތަކަށް ހައްޔަރު ކުރެވުނީ އެކަމާގުޅިގެން އެމެރިކާގައި ކުރަންފެށި ވަރުގަދަ އިޙްތިޖާޖްތަކާ ގުޅިގެންނެވެ. ތަންތަނުގައި ހުޅުޖަހައި ރޯކޮށް އަންދަމުން ދިޔުމާއި ފިހާރަތައް ލޫޓުވައި އަމަން އަމާންކަން ގާއިމް ކުރުމަށް ފުުލުހުން ނުކުޅެދުމުގެ ސަބަބުންނެވެ. އެހެންނޫންނަމަ އެއިން އެކަކުވެސް ހައްޔަރެއް ނުކުރެވުނީހެވެ. އަދި އެމީހުންގެ މައްޗަށް މީހަކު މެރިކަމުގެ ތުހުމަތެއްވެސް ނުކުރެވުނީހެވެ.

ސަބަބަކީ އަނިޔާކުރީ ދޮން ނަސްލުގެ މީހުން ކަމަށްވެފައި އަނިޔާ ލިބުނީ ކަޅު ނަސްލުގެ މީހަކަށް ކަމަށް ވާތީއެވެ. އެމެރިކާ ފުލުހުންނާއި ފުލުހުންގެ ނިޒާމު އިސްލާހު ކުރުމަށް ގިނަ ހުރަސްތަކެއް އެޅިފައިވެއެވެ. އެހެންކަމުން މީގެތެރޭގައި ހިމެނޭ މައިގަނޑު ހަތަރުކަމެއް މިތާނގައި ފާހަގަ ކޮށްލާނަމެވެ.

އެމެރިކާގެ ޕޮލިސް ޔުނިޔަންތަކުގެ ގެ ވަރުގަދަކަމާއި އެޔުނިޔަންގެ ބާރާއި ނުފޫޒު

އެމެރިކާގައި ފުލުހުންގެ ޕްރޮފެޝަނަލް ތައް ވަރަށް ގިނައެވެ. އެޔުނިޔަންތައް އެމެރިކާގެ ހުރިހާ ކަންކޮޅުތަކަކަށް ފެތުރިފައިވާއިރު އެ ޔުނިޔަންތަކުގެ ބާރާއި ނުފޫޒު އެމެރިކާގެ ސްޓޭޓްތަކާއި ފެޑްރަލް އިދާރާތަކުގައި ވަރަށް ބޮޑެވެ. ފުލުހުންނަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ދެކޮޅަށް އެ ޔުނިޔަންތައް (އިއްތިޙާދުތައް) ފުލުހުންގެ ދިފާއުގައި ހަރަކާތްތެރިވެއެވެ.

މީގެތެރޭގައި ފުލުހުންނަށް މުސާރައާއި އިނާޔަތްތަކާއި އެލަވަންސްތައް ބޮޑުކުރުމާއި ހެލްތް އިންޝުއަރެންސާއި ހައުސިންގް ފަދަ ދިނުންފަދަކަންކަމުގައި ވަކާލާތުކުރުމާއި ފުލުހުންނާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ކޮންގްރެސްއާއި ޖުޑިޝަރީއާއި ސިޔާސީ ފަރާތްތަކަށް ފިއްތުންތައް ކުރިމަތިކޮށްގެން ފުލުހުންނަށް ކަންކަން ފަހިވާގޮތަށް ކަންކަން ނިންމަން މަސައްކަތް ކުރުން ހިމެނެއެވެ.

އެމެރިކާގެ އެންމެ ބޮޑު ދެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީއާވެސް އަދި އެމެރިކާގެ ޑީޕް ސްޓޭޓްގައި ހިމެނޭ ކުންފުނިތަކާއި އެލީޓުންނާ އަދި ސިފައިންގެ މުއައްސަސާއާވެސް ފުލުހުންގެ ޕްރޮފެޝަނަލް ޔުނިޔަންތަކުން މަސްލަހީ ވަރުގަދަ ގުޅުންތަކެއް އުދައްދާފައިވެއެވެ.

މިފަރާތްތަކުގެ އެހީގައި ފުލުހުންނަށް އަބަދުވެސް މޮޅުގޮތްތައް ހޯދައި ދިނުމުގައި މި ޔުނިޔަންތައް ވަރަށް ކާމިޔާބެވެ. މިސާލަކަށް ދަންނަވާނަމަ ޖޯޖް ފްލޮއިޑް މަރާލި ފުލުހުންގެ މީހާގެ މައްޗަށް މީހުންނަށް އަނިޔާ ކުރުމުގެ 17 މައްސަލައެއް (އޭނާގެ ވަޒީފާގެ މުއްދަތުގައި) ހުށަހެޅިފައިވެއެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް މިހާތަނަށް ބަލައި އޭނާއަށް އަދަބު ދީފައެއް ނުވެއެވެ. ކުޑަވެގެން ޑިމޯޝަނެއް ނޫނީ ވަޒީފާއިން ސަސްޕެންޑް ކުރުންފަދަ ކަމެއްވެސް އޭނާއާ ދެކޮޅަށް ކޮށްފައެއް ނުވެއެވެ. އޭނާގެ ޝިކާރައަކަށްވި މީހުންނަށް އިންސާފު ނުލިބުމަކީ ފުލުހުންގެ ޕްރޮފެޝަނަލް ޔުނިޔަންތަކުގެ ނަޒަަރުގައި މައްސަލައެއް ނޫނެވެ.

ނަމަވެސް އެންމެފަހުން އޭނާ ގެ ޝިކާރައަކަށްވި ފްލޮއިޑްގެ މަރުގެ މައްސަލަ ދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެޖަރީމާއާ ގުޅިގެން އެމެރިކާގެ ރައްޔިތުން އުތުރި އަރައިގަތީ ވަކިވަރަކަށް ނޫނެވެ. މަސްރަހު ހޫނުވެ އެމެރިކާގެ ތަންތަނުގައި ހުޅުޖަހަން ފެށުމުން ފުލުހުންނަށް ގޮތް ހުސްވެ މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި މީހަކު މެރިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށްވަނީ ކޮށްފައެވެ. މިއީ އާދައިގެ ހާލަތެއްގައި ވުން މުސްތަހީލް ކަމެކެވެ.

އެމެރިކާގެ ފުލުހުން ހަތިޔާރާއެކު ހަރަކާތްތެރިވަނީ

އެމެރިކާ ފުލުހުންގެ މުސްތަގިއްލު ކަމާއި ދީފައިވާ ލާމަރުކަޒީ ބާރުތައް ބޮޑުވުން

އެމެރިކާގައި ގާތްގަނޑަކަށް 8 ލައްކަ ފުލުހުން އުޅޭއިރު އެމީހުންވަނީ 18 ހާސް ޔުނިޓްގެ މައްޗަށް ބެހިފައެވެ. މީގެތެރެއިން ގިނަ ޔުނިޓްތަކަކީ ސަރަހައްދީ ސިޓީ އަދި ކައުންޓީ ލެވެލްގެ ކުދި ޔުނިޓްތަކެވެ. އެމެރިކާގެ މައި ސަރުކާރުގެ ސްޕަވިޝަންގެ ދަށުގައި އޮންނަނީ ފުލުހުންގެ އެންމެ ދެ މުއައްސަސާއެވެ. އެއީ ފެޑްރަލް ފުލުހުންގެ ގޮތުގައި ސިފަކުރެވޭ "ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން" (އެފްބީއައި) އާއި "ފެޑްރަލް ޕްރިޒަން އެޑްމިނިސްޓްރޭޝަން" (އެފްޕީއޭ) އެވެ.

މިދެ މުއައްސަސާ ހިނގަނީ ފެޑްރަލް ސަރުކާރުގެ ޖަސްޓިސް ޑިޕާޓްމަންޓާއި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓް ގެ ދަށުންނެވެ. އެމެރިކާގެ ގާތްގަނޑަކަށް 8 ލައްކަ ފުލުހުންގެ ތެރެއިން މި ދެ މުއައްސަސާއަށް ލައްކައެއްހާ ފުލުހުން ނިސްބަތްވާއިރު އަނެއް ހަތްލައްކައެއްހާ ފުލުހުން ތިބެނީ އެމެރިކާގެ ސްޓޭޓްތަކާއި ސަރަހައްދުތަކާއި ސިޓީތަކާއި ކައުންޓީތަކުގެ ސްޕަވިޝަންގެ ދަށުގައެވެ.

އެމެރިކާގެ ފުލުހުން ތިބެނީ އެއް މުއައްސަސާއެއްގެ ދަށުގައެއް ނޫނެވެ. ސިޓީތަކުގެ ފުލުހުންގެ ވެރިޔާ އައްޔަންކުރަނީ އެސިޓީއެއްގެ މޭޔަރެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގެ ފުލުހުންގެ މުއައްސަސާގެ ވެރިޔާ ހޮވަނީ އިންތިޚާބަކުންނެވެ. މިގޮތަށް އެމެރިކާގެ ފުލުހުން ތިބުމުން ހުރިހާ ފުލުހުން އިސްލާހު ކުރުމަށް ކޮރެކްޓިވް ސްޓޭންޑަޑް ތަކެއް އެކަށައަޅައި ތަންފީޒު ކުރުމަކީ ނުވާނެކަމެކެވެ. މުސްތަހީލް ކަމެކެވެ.

މީގެއިތުރުން ބައެއް ސަރަހައްދުތަކުގެ ފުލުހުންގެ މުއައްސަސާގެ ވެރިޔާ އަކީ އިންތިޚާބު ކުރާ މީހަކަށްވުމަކީ އޭނާގެ މައްޗަށް އެހެން ފަރާތްތަކުން ބަސްކިޔަން ދަތިކަމަކަށްވަނީ ވެފައެވެ. އެމެރިކާގެ އެކި ސަރަހައްދުތަކުގެ ފުލުހުންނަށް ތަމްރީން ދެނީވެސް އެކި ސަރަހައްދުގައި އެކި ސްޓޭޓްގައި އެކި ގޮތަށެވެ. ހުރިހާ ފުލުހުންނަށް ތަމްރީން ދިނުމުގައި އެއް ސްޓޭންޑަޑެއް ނޯވެއެވެ.

އެމެރިކާގެ އާންމުންގެ އަތުގައި ހަތިޔާރު ހުރުމުން ފުލުހުންނަށް ނުރައްކާވުން

އެމެރިކާގެ ދަސްތޫރުގައި ބަޑިއާއި ފިސްތޯލައާއި އޮޓަމެޓިކް ހަތިޔާރު ފަދަ ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ހައްގު އެމެރިކާގެ ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވެއެވެ. މިހައްގާއެކު އެމެރިކާގެ 330 މިލިޔަން މީހުންގެ ތެރެއިން 132 މިލިޔަން މީހުން އަމިއްލަ ނަފްސުގެ ދިފާއުގައި ހަތިޔާރު ގެންގުޅެއެވެ. މި 132 މިލިޔަން މީހުން ގެ އަތުގައި 383 މިލިޔަން ހަތިޔާރު ނުވަތަ ފަޔާއާމް ހުރިކަމަށް ރަސްމީ ތަފާސްހިސާބުތައް ބުނެއެވެ.

އާންމުންގެ އަތުގައިވާ ފަޔާއާމްގެ ތެރޭގައި ބަޑިއާއި ފިސްތޯލައާއި އޮޓަމެޓިކް ހަތިޔާރު ހިމެނެއެވެ. މިހާގިނަ އަދަދެއްގެ އާންމުންގެ އަތުގައި ހަތިޔާރު ހުރުމަކީ އެމެރިކާގެ ފުލުހުންނަށް ބޮޑު ގޮންޖެހުމެކެވެ. ފުލުހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅޭކަމެކެވެ. އާންމުންގެ ބަޑީގެ ޙަމަލާތަކުގައި ފުލުހުން ގިނަ އަދަދަކަށް މަރުވާކަމެކެވެ.

އެމެރިކާގެ ރަސްމީ ޑޭޓާ ބުނާގޮތުން އާންމުން ފުލުހުން ދެކެ ރުޅިއައިސްގެން ދޭ ބަޑީގެ ހަމަލާތަކުގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 2400 އާއި 2500 އާ ދެމެދުގެ އަދަދަކަށް ފުލުހުން (ހަފްތާއެއްގެ ތެރޭގައި ގާތްގަނޑަކަށް 3 ފުލުހުން) މަރުވެއެވެ. އަދި އާންމުންގެ ބަޑީގެ ހަމަލާތަކުގައި އެތަށް ހާސް ފުލުހުން ޒަޚަމްވާއިރު ޒަޚަމްވާ މީހުންގެ ތެރެއިން އެތަށް ބަޔަކު ނުކުޅެދޭ މީހުންނަށްވެސް ވެއެވެ. މިއީ ފުލުހުން ކަންބޮޑުވެ ފުލުހުންވެ ވަޒީފާއަކީ ފުރާނައަށް ނުރައްކާތެރި ވަޒީފާއަކަށްވާ ސަބަބެކެވެ. ނަމަވެސް ފުލުހުންގެ ބަޑީގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދުވެސް މަދެއްނޫނެވެ.

އެހެންކަމުން އެމެރިކާގެ އާންމުންނަށް ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ އޮވެފައި އާންމުންގެ ބަޑީގެ ހަމަލާތަކުގެ ޝިކާރައަކަށް އަހަރަކު އެތަށް ހާސް ފުލުހުންވާއިރު ފުލުހުންގެ ފިޔަކޮށާލައި އެމީހުންގެ ބާރުކަނޑުވާލުމަކީ އުނދަނގޫ ކަމެކެވެ. ފުލުހުން ދެކޮޅު ހަދާނެ ކަމެކެވެ. ފުލުހުންގެ ހިމާޔަތުގައި މަސައްކަތްކުރާ ނުފޫޒުގަދަ ޕޮލިސް ޕްރޮފެޝަނަލް ޔުނިޔަންތަކުން އެކަމާ ދެކޮޅު ތެދުވާނެކަމެކެވެ. އަދި އެކަން ހުއްޓުވުމަށް ކުރެވެން އޮތްހާ މަސައްކަތެއްވެސް ކުރާނެ ކަމެކެވެ.

އެމެރިކާގެ ފުލުހުން އިސްލާހު ކުރަން ސިޔާސީ ލީޑަރުން ބޭނުން ނުވުން

އެމެރިކާގެ ސިޔާސީ ބޮޑު ދެޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީގެ އިތުރުން ފެޑްރަލް ސަރުކާރާއި ކޮންގްރެސް ގެ އިސްވެރިންނަކީ އެމެރިކާގެ ފުލުހުން އިސްލާހު ކުރަން އަދި ފުލުހުންގެ ބާރުތައް ކުޑަކުރަން ތާއީދުކުރާ ބައެއް ނޫނެވެ.

ކަލު ނަސްލުގެ ޖޯޖް ފްލޮއިޑްގެ އަނިޔާވެރި މަރާގުޅިގެން އެމެރިކާގައި މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ އާންމުންނަށް އަނިޔާވެރި ނުވެވޭނެގޮތަށް އެމެރިކާގެ ފުލުހުންގެ ގާނޫނުތައް އިސްލާހުކޮށް ހަރުދަނާކުރުމަށެވެ. ނަސްލީ އިމްތިޔާޒުގެ ރޫހުގައި ފުލުހުންނަށް ހަރަކާތްތެރި ނުވެވޭނެގޮތް ގާނޫނީ ގޮތުން ހަދައި ދިނުމަށެވެ. އަނިޔާވެރިވާ ފުލުހުންނާ ދެކޮޅަށް ފަސޭހައިން ދައުވާކޮށް އެފަދަ ފުލުހުންނަށް އަވަހަށް އަދަބު ދެވޭނެ ގޮތް ހަދައި ދިނުމަށެވެ. މިކަމަށްޓަކައި އެމެރިކާގެ ގާނޫނުތަކާއި ގަވައިދުތައް އެކަށައަޅައި ދައުވާގެ އިޖުރާއާތްތައް ފުރިހަމަ ކޮށްދިނުމަށެވެ. އަދި އާންމުންނަށް އިންސާފު ލިބޭނެ ގޮތަކަށް އެމެރިކާގެ ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކޮށް ހަރުދަނާކުރުމަށެވެ.

ނަމަވެސް މިއީ އެމެރިކާގެ ސިޔާސީ ބޮޑުންނާއި އެމެރިކާގެ ބާރުގަދަ ޑީޕްސްޓޭޓުގެ މުައްސަސާތަކުން ބޭނުންވާ ކަމެއްނޫނެވެ. އެހެންކަމުން ކިތަންމެ ވަރަކަށް މުޒާހަރާކުރިނަމަވެސް އެމެރިކާ ފުލުހުންނާއި ފުލުހުންގެ ނިޒާމު އިސްލާހު ކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.