ކޮރޯނާވައިރަސް ފެތުރުން އެންމެ ފުރަތަމަ ކޮންޓްރޯލް ކުރި ބައެއް ގައުމުތަކުން މިހާރު ވަނީ ވައިރަހުގެ އިތުރު ކޭސްތައް އަނެއްކާވެސް ފެންނަމުންދާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި އޭޝިއާގެ ގައުމުތައް ކަމަށްވާ ދެކުނު ކޮރެއާ، ޗައިނާ އަދި ޖަޕާން ހިމެނެ އެވެ. އެގައުމުތަކުގެ ތަޖުރިބާއިން ލިބޭ އިބުރަތްތަކުގެ ތެރޭގައި:

1. ވައިރަސް ކޮންޓްރޯލް ކުރާ ފަހުންވެސް ވައިރަހުގެ ކޭސްތައް ފެންނާނެ

ސިއްހީ ދާއިރާގައި ބައްޔެއްގެ ދެވަަނަ ރާޅެއް މާނަ ކުރަނީ އެންމެ ފުރަތަމަ ވައިރަސް ފެތުރި ކޮންޓްރޯލް ކުރާ ފަހުން، އާބާދީގެ އެހެން ގުރޫޕެއްގައި ވައިރަސް އަލުން ފެތުރުމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ މީގެ ކުރިން ދުނިޔޭގައި ފެތުރުނު ބަލިތަކުންވެސް ބަލީގެ ރާޅުތައް ފެނިފައިވާ ކަމަށް ބުނެފަ އެވެ.

ލަންޑަން ޔުނިވާސިޓީ ކޮލެޖުގެ ސެލް ބަޔޮލޮޖިސްޓެއް ކަމަށްވާ ޖެނިފާ ރޮން ވިދާޅުވި ގޮތުގައި ވައިރަހުގެ ދެވަނަ ރާޅެއް ފެންނާނެ ކަމާ މެދު މިހާރު ސުވާލެއް ނުއުފެދެ އެވެ. އޭގެ ބަދަލުގައި އުފެދޭ ސުވާލަކީ ދެވަނަ ރާޅެއް ފެންނާނީ ކޮން އިރަކުތޯ އާއި އޭގެ ގެއްލުން ބޮޑުވާނީ ކިހާވަރަކަށްތޯ އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް ދުރާލާ ޓެސްޓުކޮށް ޓްރޭސްކޮށް، ފުރަބަންދު ކުރި ދެކުނު ކޮރެއާ ފަދަ ގައުމުތަކުންވެސް ވަނީ ދެ ވަނަ ފަހަރަށް ވައިރަހުގެ ކްލަސްޓާތައް ފެނިފަ އެވެ.

އެހެންކަމުން ވައިރަސް ދެމިއޮންނާނެކަން ޑަބްލިޔުއެޗްއޯއިން ބުނުމުން ގައުމުތަކުން ދެވަނަ ރާޅެއް ފެންނާނެ ކަން ދެނެގަންނަން ޖެހެ އެވެ. ނަމަވެސް އެކަމަށް ތައްޔާރުވުމުގައި ދިމާވާ ގޮންޖެހުމަކީ ދެވަނަ ފަހަރަށް ވައިރަސް ފެންނާނެ އިރަކާއި ތަނެއް ލަފާ ކުރުމެވެ.

ޗައިނާގައި މީހަކު ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ -- ފޮޓޯ: އޭއެފްޕީ

2. ފިޔަވަޅުތައް އަލުން އަޅަން ޖެހިދާނެ

ލަންޑަން ސްކޫލް އޮފް އިކޮނޯމިކްސްގެ ޗެޔާ އޮފް ހެލްތު އިކޮނޯމިކްސްގެ މަގާމުގައި ހުންނަވާ ޕްރޮފެސަރު އަލިސްޓައިރު މެގުޔާ ވިދާޅުވި ގޮތުގައި ފުރަބަންދުގެ ފިޔަވަޅުތައް ކާމިޔާބުވި ނަމަވެސް ކޮރޯނާވައިރަސް އެއްކޮށް ނައްތާނުލެވިދާނެ އެވެ.

އެގޮތުން ކޮރޯނާވައިރަހާ ގުޅިގެން އެންމެ ހަރުކަށި ފުރަބަންދެއް ކުރި އެންމެ ފުރަތަމަ ސަރަހައްދުތަކުގެ ތެރޭގައި ޖަޕާނުގެ ހޮއްކައިދޯ ހިމެނެ އެވެ. އަދި މާޗު މަހުގެ މެދުތެރޭގައި ހޮއްކައިދޯއިން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އެކެއް ނުވަތަ ދޭކަަށް ވެއްޓުނެވެ.

އެހެންކަމުން އެ ސަރަހައްދުގައި އިއުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ، އޭޕްރިލް މަހު ސްކޫލުތައް ހުޅުވި އެވެ. ނަމަވެސް އޭގެ މަހެއްވެސް ނުވަނީސް ހޮއްކައިދޯއިން ވައިރަހުގެ ދެވަނަ ރާޅެއް ފެނި އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނެވެ.

އޭގެ ފަހުން ވައިރަސް އަނެއްކާވެސް ކޮންޓްރޯލްކޮށް، ޖަޕާނުން ވަނީ ހޮއްކައިދޯ އާއި އެގައުމުގެ އެހެން ސަރަހައްދުތަކުގައި އިއުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފަ އެވެ. ނަމަވެސް ކޭސްތައް އިތުރުވުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށް ބުނެފަ އެވެ.

ޖަޕާނުގެ އިތުރުން ޗައިނާ އާއި ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކުގައި ވެސް ވައިރަސް ކޮންޓްރޯލް ކުރި ފަހުން ބަލީގެ ކްލަސްޓާތައް ފެނުމާ ގުޅިގެން ފިޔަވަޅުތައް އަލުން ހަރުކަށި ކުރަން ޖެހުނެވެ. އޭގެ ތެރެއިން ދެކުނު ކޮރެއާގައި މިދިޔަ މަހުގެ ކުރީކޮޅު ފެނުނު ކްލަސްޓާއަކާ ގުޅިގެން، އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އަލުން ހުޅުވި 200އަށް ވުރެ ގިނަ ސްކޫލު ބަންދު ކުރަން ޖެހުނެވެ.

3. ބޭރު ގައުމުތަކުންދާ މީހުން ކަރަންޓީނު ކުރުން

ޗައިނާގެ ޖިލިން އާއި ހެއިލޮންޖަންގް ޕްރޮވިންސުން ދެވަނަ ފަހަރަށް ވައިރަހުގެ ކޭސްތައް ފެނުނު އިރު، އެ ކޭސްތައް ގުޅުނީ ރަޝިއާއިން އެގައުމަށް ދިޔަ ބަޔަކާ އެވެ. އެގޮތުން އެއް ފަހަރު ރަޝިއާއިން ޗައިނާއަށް އަނބުރާ ދިޔަ އެގައުމުގެ އަށް ރައްޔިތަކު ވައިރަހަށް ޕޮޒިޓިވްވި އެވެ. އޭގެ ސަބަބުން އެ މީހުންނާ އެއް އިރެއްގައި ދަތުރު ކުރި 300 ވަރަކަށް މީހުން ކަރަންޓީނު ކުރި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެއާޕޯޓުތަކުގައި މީހުން ސްކްރީން ކުރާ މިންވަރު އިތުރުކޮށްފައި-- ފޮޓޯ: އޭއެފްޕީ

ޗައިނާގައި އެހެން ގައުމުތަކުން ދާ މީހުންގެ ފަރާތުން ވައިރަސް ފެތުރުން ކުޑަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބެއިޖިންއަށްދާ ބައިނަލްއަގުވާމީ ފްލައިޓުތައް އެހެން ސިޓީތަކަށް ޑައިވާޓު ކުރުމާއި އެސިޓީތަކުގައި ފަސިންޖަރުން ސްކްރީންކޮށް ކަރަންޓީނު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ހޮންކޮންގުން ދަނީ އެ ސަރަހައްދަށް ބޭރުން ދާ މީހުން ކަރަންޓީނުގެ ގަވާއިދުތަކާ ހިލާފުވޭތޯ ބަލަން އިލެކްޓްރޯނިކް ބްރޭސްލެޓުތައް މީހުންނަށް ދެމުންނެވެ.

ކަމާ ބެހޭ މާހިރުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެފަދަ ފިޔަޅުތައް އެޅުން މުހިއްމުކަން ފާހަގަކޮށްފަ އެވެ.

4. ޓެސްޓް ކުރުމާއި ޓްރޭސް ކުރުން ކުރިއަށްގެންދަން ޖެހޭ

ވައިރަހުގެ 11،800 ކޭސް ފެނިފައިވާ ދެކުނު ކޮރެއާއިން ވަނީ އެގައުމުގައި ކޮންމެ ދުވަހަކު 10،000 ޓެސްޓު ހިލޭ ކުރެވޭ ނިޒާމެއް މިދިޔަ ފެބްރުއަރީ މަހު ހަދާފަ އެވެ. އަދި ކޭސްތައް ޓްރެކް ކުރުމަށް އެޕާއި ޖީޕީއެސް ޓެކްނޮލޮޖީ ބޭނުން ކުރަން ފަށާފަ އެވެ.

އޭގެ ސަބަބުން ވަކި ސަރަހައްދަކުން ވައިރަސް ފެނިއްޖެ ނަމަ އެ ސަރަހައްދެއް ފުރަބަންދުކޮށްގެން ފިޔަވަޅު އެޅޭނެ ކަމަށް ޑރ. ރޮން ވިދާޅުވި އެވެ.

ދެކުނު ކޮރެއާއިން ވައިރަސް ކޮންޓްރޯލް ކުރި ފަހުން މި ދިޔަ މަހުގެ 12ގައި ފެނުނު އާ ކްލަސްޓާއެއް ޓްރޭސްކޮށް، އެ ވައިރަސް ފެތުރުނީ ސޯލްގެ ނައިޓްކްލަބުތަކަކަށް ދިޔަ މީހެއްގެ ފަރާތުން ކަން އެނގުނެވެ. އަދި އެ ކޭސްތަކާ ގުޅުން ހުރި 90،000 މީހުން ހޯދުމަށް ފަހު ހެދި ޓެސްޓުތަކުން 300އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިއީ ވަރަށް ބޮޑަށް ފެތުރޭ ބައްޔެއްކަން. އަޅުގަނޑުމެން ހަމައެކަނި ބަލަން ޖެހޭނީ ދެކުނު ކޮރެއާއަށް ވީގޮތަށް. އެގައުމުގައި ކާމިޔާބު ސިޔާސަތުތަކެއް އޮތް ނަމަވެސް ފިިޔަވަޅުތައް ލުއި ކުރުމުން އަނެއްކާވެސް ކޭސްތައް ފެނުނީ. އެންމެ މީހެއްގެ ފަރާތުން ހަފްތާ ބަންދެއް ތެރޭ 100އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނީ،" ޕްރޮފެސަރު މެގުޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ޓެސްޓު ކުރުމާއި ޓްރޭސް ކުރަމުން ގެންދިޔުމުގެ މުހިއްމުކަން ފާހަގަ ކުރައްވަމުން ޗައިނާގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ވޫ ޒުންޔޫ ވިދާޅުވި ގޮތުގައި ކޭސްތައް ހޯދާ، އަވަަހަށް ޓްރެކް ކުރާ ނަމަ ވައިރަސް ގިނަ ބަޔަކަށް ނުފެތުރި ކޮންޓްރޯލް ކުރެވޭނެ އެވެ.

ވައިރަސް ކޮންޓްރޯލް ކުރެވުނަސް ޓެސްޓުކޮށް ޓްރޭސް ކުރުން ކުރިއަށްގެންދަން ޖެހޭ ފޮޓޯ: ގެޓީ

5. އެންޓިބޮޑީ ޓެސްޓުވެސް ހަދާ

"ވައިރަސް ހުރި މީހުންގެ އިތުރުން މީގެ ކުރިން ބަލި ޖެހުނު މީހުން ވެސް ހޯދަން އެންޓިބޮޑީ ޓެސްޓު ހަދަން ޖެހޭ،" ޕްރޮފެސާ މެގުޔާ ވިދާޅުވި އެވެ.

"އެއީ ވަރަށް މުހިއްމު ކަމެއް. ސަބަބަކީ [ބަލި ޖެހޭ] މީހުން ވައިރަހަށް އިމިއުންވެ، ކުރު މުއްދަތަކަށް ނަމަވެސް އެމީހުންނަށް އަލުން ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވޭ،" ސިންގަޕޫރުގެ ޑޫކް-އެންޔޫއެސް މެޑިކަލް ސްކޫލުގެ އެސިސްޓެންޓް ޕްރޮފެސަރު އޭޝްލީ ސެއިންޓް ޖޯން ވިދާޅުވި އެވެ.

ސިންގަޕޫރުގައި ވައިރަސް ފުރަތަމަ ފެތުރުނު އިރު ދެ މީހެއްގެ އެންޓިބޮޑީ ޓެސްޓު ހެދުމުން، ކުރިން އެއްވެސް ގުޅުމެއް ނެތް ދެ ވައިރަސް ކްލަސްޓާއެއްގެ ދެމެދުގައި އޮތް ގުޅުން އެނގިގެންދިޔަ އެވެ. އަދި އެއީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މުހިއްމު ފިޔަވަޅަކަށް ވެގެން ދިޔަ އެވެ.

"މި ވައިރަހުގެ ސަބަބުން ޖެހޭ ބަލިން ބައެއް ފަހަރު އަލާމާތްތައް ނުފެނި ނުވަތަ އަލާމާތްތައް ވަރަށް ކުޑަކޮށް ފެންނާތީ، މީހަކު ބަލިވެ އުޅޭކަން އޭނާއަށް ނޭނގެނީސް ބަލި ފެތުރިދާނެ. އަޅުގަނޑަކަށް އެނގިފައެއް ނެތް [ސިންގަޕޫރުގައި] ގައުމީ ފެންވަރުގައި އިމިއުނިޓީ ޓެސްޓު ކުރަމުންދާ ކަމެއް. ނަމަވެސް އެ ޓެސްޓު ވަނީ ކްލަސްޓާތަކުގެ ދެމެދުގައި އޮތް ގުޅުން ހޯދުމަށާއި ޝައްކު ކުރެވޭ ކޭސްތައް ހޯދުމަށް ބޭނުން ކޮށްފަ،" ޕްރެފެސަރު ސެއިންޓް ޖޯން ވިދާޅުވި އެވެ.

ސިންގަޕޫރުން ދަނީ ސްކޫލު ޓީޗަރުން ފަދަ ވައިރަސް ފެތުރުމުގެ ނުރައްކާ އޮންނަ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ އެންޓިބޮޑީ ޓެސްޓު ހަދަމުންނެވެ. އޭގެ މަގުސަދަކީ ބަލި ޖެހި، ރަނގަޅުވެފައިވާ ކަމަށް ބެލެވޭ މީހުން އަލުން ވަޒީފާއަށް ނުކުތުމަށް ހުއްދަ ދިނުމެވެ.

6. އާއްމު ސިއްހަތުގެ ނިޒާމު ބަދަލުތަކަށް ހޭނެން ޖެހޭ

ސްޕެއިންގެ ބާސެލޯނާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖުޑިތު ވޯލް ވިދާޅުވި ގޮތުގައި މި ބަލިމަޑުކަމުގެެ ތެރޭގައި ސިއްހީ ދާއިރާއިން ވަނީ އެއީ ބަދަލުތަކަށް ހޭނުމުގެ ގާބިލުކަން ލިބިފައިވާ ދާއިރާއެއްކަން ދައްކާފަ އެވެ.

އެގޮތުން މި މުއްދަތުގައި ހޮސްޕިޓަލްތަކާއި ޕްރައިމަރީ ކެޔާ ސެންޓަރުތަކުން ވަނީ އެހެން ގައުމުތަކުގެ ފަރާތުންނާއި އަމިއްލަ ތަޖުރިބާއިންވެސް އެތައް ކަމެއް ދަސްކޮށްފަ އެވެ. އެހެންކަމުން ވައިރަހުގެ ދެވަނަ ރާޅެއް އައުމުން އަމަލު ކުރާނެ ގޮތެއް އެފަރާތްތަކަށް އެނގޭނެ ކަމަށް ޕްރޮފެސަރު ވޯލް ވިދާޅުވި އެވެ.

މީގެ އިތުރުން މިފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ކޮންމެ ގައުމަކުންވެސް އާއްމު ސިއްހަތަށް އިންވެސްޓު ކުރުމުގެ މުހިއްމު ކަން މިބަލިމަޑުކަމުން ދައްކުވައިދީފި ކަމަށް ވޯލް ވިދާޅުވި އެވެ. އަދި އޭނާ ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދިނުމަށްވެސް އެދިލައްވާފަ އެވެ. އޭގެ އެއް ސަބަބަކީ، މީގެ ކުރިން ފެތުރުނު މާސް އާއި ސާސް ފަދަ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާމީހުންނަށް ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ)އާ ކުރިމަތިލާންޖެހުނު ކަން ދިރާސާތަކުން ދައްކާފައިވުން ކަން ޕްރޮފެސަރު ފާހަގަ ކުރެއްވި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަން ދޭން ޖެހޭ ފޮޓޯ: ރޮއިޓާސް

7. ހަމައެކަނި އެއް ފިޔަވަޅުން ނުފުދޭ

ޑަބްލިޔުއެޗްއޯގެ ފަރާތުން ވެސްޓަން ޕެސިފިކް ރީޖަންގައި ހުންނަވާ ކޮވިޑް-19 އިންސިޑެންޓް މެނޭޖަރު، ޑރ. ނައޮކޯ އިޝިކާވާ ވިދާޅުވި ގޮތުގައި އޭޝިއާގެ ގައުމުތަކުން ފެނުނު ދެވަނަ ރާޅުން ނަގައިގަނެވޭ އެންމެ މުހިއްމު ފިލާވަޅަކީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވެނީ ވަކި އެއް ފިޔަވަޅަކުން ކަން އަދި ބުނެވެން ނެތް ކަމެވެ. އެހެންކަމުން ހަމައެކަނި ޓެސްޓު ހަދައިގެން ނުވަތަ ހަމައެކަނި ޖިސްމާނީ ގައިދުރުކަން ބަހައްޓައިގެން ވައިރަހުން ރައްކާތެރިއެއް ނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާބާދީގެ ބޮޑުބައެއް އަދި ވައިރަހަށް އިމިއުން ވެފައި ނުވުމުން، ވެކްސިނެއް ލިބެންދެން ވައިރަސް ޖެހުމުގެ ނުރައްކާ އެންމެންނަށްވެސް އޮންނާނެ." ޑރ. ރޮން ވިދާޅުވި އެވެ.