29 Dec 2011, 12:17
ނ. މިލަދޫ ރަށު ކައުންސިލް އިދާރާގައި ހުރި ރަސްމީ ހުރިހާ ލިޔެކިޔުންތައް އެނދުމުގެ ސަބަބުން އިޔާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ކައުންސިލްގެ ރައީސް ހަސަން ޣައްސާނު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޣައްސާނު ވިދާޅުވީ އެ ރަށުގެ ކައުންސިލްގެ އިދާރާ އަނދައި ހުލިވުމުގެ ސަބަބުން އެ އިދާރާގައި ބޭނުންކުރާ ހުރިހާ ރަސްމީ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ވިހާ މަރުވާގެ ހުރިހާ މައުލޫމާތުތަކާއި ގޯތީގެ ރެޖިސްޓްރީތަކާއި ކައުންސިލާއި އެކިފަރާތްތަކާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ އިތުރުން ބޭނުންތެރި އެތައް މައުލޫމާތުތައް ހިމެނޭ ލިޔެކިއުންތައް ވެސް އަނދައި އަޅިއަށް ވެގެން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ އެ މައުލުމާތުތައް ބެކަޕެއްގެ ގޮތުގައި ކޮމްޕިއުޓަރުތަކުގައި ރައްކާކޮށްފައި ހުރުމުން އެއިން ކޮމްޕިއުޓަރެއްގެ ހާޑްޑިސްކު ސަލާމަތުން އޮތްތޯ ޗެކްކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް އެންމެ އިސްކަމެއް ދީގެން ފުލުހުންނާ ގުޅިގެން ވެސް މިބަލަނީ އަނދައިގެން ދިޔަ ތަކެތީގެ ތެރެއިން ކޮމްޕިއުޓަރެއްގެ ހާޑް ޑިސްކެއް ވެސް ބޭނުން ކުރެވޭތޯ. އެއިން އެއްޗެއް ސަލާމަތްވެއްޖެ ނަމަ ފަހަރެއްގައި މައުލުމާތުތަކެއް ހުރެދާނެ،" ޣައްސާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނދައިގެން ދިޔަ ލިޔެކިއުންތައް އަލުން ބަލުން ތައްޔާރުކުރުމަކީ ގޮންޖެހުމެއް ކަމަށާއި އެންމެ ބޮޑު މަސައްކަތަށް ވާނީ ހުރިހާ ރައްޔިތުންގެ ރެޖިސްޓްރީ އަލުން ބަލުން އެއްކޮށް ރެޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ނިންމުން ކަމަށެވެ.
"ލީގަލީ ބަލައިފި ނަމަ އަޅުގަނޑުގެ އަތުގައި އޮތް އައިޑީކާޑަކީ މިހާރު ހަމަ އަތުގައި އޮތް އެއްޗެއް. އަޅުގަނޑު ރަސްމީކޮށް މިރަށުގެ ރައްވެއްސަކަށް އެނގޭނެ އެފަދަ ލިޔުމެއް ކައުންސިލްގެ އިދާރާއަކު ނެތް. އަޅުގަނޑުމެން މިތިބީ ރަށުގެ ރަސްމީ ހައިސިއްޔަތު ވެސް ގެއްލިފައި،" ޣައްސާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިޔެކިޔުންތައް އެނދުމުންވީ ގެއްލުންތަކަކީ ފައިސާގެ ގޮތުން ލިބުނު ގެއްލުމަށް ވުރެ ވެސް ބޮޑު ގެއްލުމެއް ކަމަށާއި އެ ގެއްލުންތަކުން އަރައިގަންނަން ވަރަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ. އަދި ކައުންސިލް އިދާރާއާއި ތަނުގެ ހުރި ކޮމްޕިއުޓަރު ސިސްޓަމްތަކާއި މެޝިނެރީ އާއި އެހެނިހެން ވަސީލަތްތައް އެނދުމުން ވެސް ފައިސާގެ ގޮތުން ބަލާއިރު މިލިއަނުން ގުނާލެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ރަށު ކައުންސިލްގެ އިދާރާ ވަގުތީ ގޮތުން ހިންގާނެ ވަކި ތަނެއް ހަމަޖެހިފައި ނުވާތީ މުވައްޒަފުން އިއްޔެ އާއި މިއަދު ތިބީ ގޭގައި ކަމަށާއި އަތޮޅު ކައުންސިލްގެ ފަރާތުން މިލަދޫ ކައުންސިލްގެ މުއާމަލާތްތައް މިހާރު ހިންގަމުން އަންނަ ކަމަށެވެ. ރަށު ކައުންސިލުން ފޮނުވަން ޖެހޭ ސިޓީތައް އަތޮޅު ކަންސިލް މެދުވެރިކޮށް ހޯމް މިނސްޓްރީ އަށާއި ޑީޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ އިތުރުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ އަށް ފޮނުވަމުންދާ ކަމަށް ޣައްސާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު އެންމެ އިސްކަމެއްދީގެން މިބަލަނީ ކައުންސިލްގެ އިދާރާ ހިންގާނެ ތަނެއް ހޯދުމަށް. އެ މަސައްކަތަށް ފަހު ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އަޅުގަނޑުމެން ބަލާނަން ވިހާ ވެސް އަވަހަކަށް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭތޯ،"
އިއްޔެރޭ މިލަދޫ ކައުންސިލްގެ އިދާރާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ކައުންސިލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިހުލިވެ ފަވެ. އިއްޔެ ޣައްސާން ވިދާޅުވީ ކައުންސިލްގެ އިދާރާގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށާއި އެކަން ހިންގާފައި ވަނީ އިއްޔެރޭ ދަންވަރު 2:30 އެހާކަންހާ އިރު ކަމަށެވެ.
ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އަލިފާނުގެ އެ ހާދިސާ ތަހުގީގްކުރުމަށް ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި މިލަދޫގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ