މާސްކާއި އަންގިފަދަ ތަކެތި ބޭނުންކުރުމަށްފަހު މޫދަށް އުކައިނުލުމަށް ދިރާގުން އިލްތިމާސްކޮށްފި އެވެ. ދިރާގުން މިގޮތަށް ބުނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިން މެސެޖުގަ އެވެ.

އެ މެސެޖުގައި ދިރާގުން ބުނީ ނިއު ނޯމަލްއަކަށް ދިއުމަށްޓަކައި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ މަދު މަދުން ލިބެމުންދިޔަ ނަމަވެސް މާސްކު އެޅުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށެވެ. އަދި ޑިސްޕޯސިބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުން ގިނަވެފައިވާ ކަމަށާއި މިފަދަ ތަކެއްޗާއި މާސްކް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނައްތާލުމުގައި ވަރަށް މުހިންމު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ދިރާގުން ބުނެ އެވެ.

މިފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެ ކަމަށާއި ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ދިރާގުން ފާހަގަކުރެ އެވެ.

"މަގު މައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް މި ފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ ހުރިހާ އެންމެންގެވެސް ފަރުދީ ޒިންމާއެއް. މިކަމުގެ ސަބަބުން ސީދާ ގޮތުން ކުރާ ސިއްހީ ނޭދެވޭ އަސަރުގެ އިތުރުން، މިތަކެތި ކަނޑުތަކަށް އެޅުމުން ލިބޭ ގެއްލުންވެސް ނުހަނު ބޮޑު. އެއް ކާރިސާއިން އަރައިނުގަނެވެނީސް އަނެއް ކާރިސާއަށް ދިޔަނުދިޔުމަކީ ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވާންޖެހޭ ކަމެއް." ދިރާގުން ބުނެ އެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާއިރު މީގެ ކުރިން ވެސް އެކުންފުނިން ވަނީ ކަނޑުތަކުގެ ހިމާޔަތުގައި އަޑު އުފުލާފަ އެވެ.

އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅައި، އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް އެކުންފުނިން ވަނީ ގޮވާލާފަ އެވެ.

އެ ކެމްޕެއިންގެ ދަށުން ދިރާގުން ކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާ ކުރުމާއި ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގު މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވުން ހިމެނެ އެވެ.

މިއަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ހާއްސަ ކޮށްފައިވަނީ ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގު ކަމަށް އެކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަޅަމުން ދާ ކުނީގެ މިންވަރު މަދު ނޫން ކަމަށާއި މިކަމުގެ ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުންތަކާއި މަސްމަހާމެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރެމުންދާ ކަމަށެވެ.

"އަހަރުމެންނަށް ބޭނުންވާ އޮކްސިޖަންގެ ބޮޑު ބައެއް ލިބެނީ ކަނޑުން. ކަނޑުތަކުން އަހަރުމެންނަށް ކާނާ ލިބޭ. އަދި ދުނިޔޭގެ ވަޔާ، ފެނާ، މޫސުން ހިފެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަނީވެސް ހަމަ ކަނޑުން. ކަނޑުތަކުގެ ސަލާމަތަކީ އަހަރުމެންގެވެސް ސަލާމަތް." ދިރާގުން ބުނެ އެވެ.