08 Jun 2020, 16:48
އަމިއްލަ ދަރިފުޅުގެ ޙަޟާނާތުގެ ހައްގުވެރިކަން ހޯދަން، މީގެ ހަތް އަހަރު ކުރިން މަންމައަކު ފެމެލީ ކޯޓަށް ހުށަހެޅި މައްސަލައިގައި ކުއްޖާގެ ޙަޟާނާތުގެ ހައްގުވެރިޔަކީ އެކުއްޖާގެ މަންމަ ކަމަށް ކަނޑައަޅައި ނިންމި ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށް މިއަދު މައްސަލަ ނިންމައިފި އެވެ.
މައްސަލައިގައި ހިމެނޭ އަންހެން މީހާ އާއި އޭނާގެ ކުރީގެ ފިރިމީހާ ކައިވެނިކޮށްގެން ކުއްޖަކު ލިބުނީ 2009 ވަނަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކުއްޖާގެ ޙަޟާނާތު ލިބިގަތުމަށް އެދި ކުއްޖާގެ ބައްޕަ ވަނީ ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ބައްޕަގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ 2011 ވަނަ އަހަރު އެވެ.
ޙަޟާނާތު ހޯދުމަށް ބައްޕަ އެދުނު ސަބަބުތަކަށް ކުއްޖާގެ މަަންމަ އިންކާރު ކުރި ނަމަވެސް، ކުއްޖާގެ މަސްލަހަތަށް ބަލައި، ބައްޕަ ފަރާތު މާމައާ ޙަޟާނާތު ހަވާލުކުރަން ކުއްޖާގެ މަންމަ އެއްބަސްވުމުން، ފެމެލީ ކޯޓުން މައްސަލަ ނިންމީ އެގޮތަށެވެ.
ނަމަވެސް އޭގެ ފަހުން 2013 ވަނަ އަހަރު، ކުއްޖާގެ ޙަޟާނާތު ހޯދަން މަންމަ ވަނީ ފެމެލީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ފެމެލީ ކޯޓުން އެ މައްސަލަ ނިންމީ ކުއްޖާ، މަންމައާ ހަވާލުކުރުމަށެވެ.
ފެމެލީ ކޯޓުން އެގޮތަށް ނިންމުމުގައި، މައްސަލަ ބެއްލެވި ފަނޑިޔާރުގެ އަމިއްލަ އިސްނެންގެވުމަށް، ޖެންޑާއިން ތައްޔާރުކުރި ކުއްޖާގެ އެސެސްމަންޓް ރިޕޯޓަކަށް ރިއާޔަތްކޮށްފައިިވެ އެވެ.
އެ ރިޕޯޓުން އެނގުނު ގޮތުގައި ކުއްޖާ ދިރިއުޅެމުން ދިޔަ މާހައުލަކީ ކުއްޖާއަށް އެންމެ ރަނގަޅު މާހައުލެއް ނޫން ކަމަށާއި ކުއްޖާއަށް ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ދެވެމުން ނުދާ ކަމަށާއި އުމުރާ އެކަށީގެންވާ ވަރަށް އަމިއްލަ ނަފްސު ހާނީއްކައިން ސަލާމާތް ކުރަން ކުއްޖާއަށް ނޭނގޭ ކަމަށާއި ކުއްޖާގެ ކަންކަމުގައި މަންމައާ މަޝްވަރާ ނުކުރުން ފަދަ ކަންކަން ވަނީ ފާހަގަކޮށްފަ އެވެ.
ފެމެލީ ކޯޓުން މައްސަލަ ނިންމިއިރު، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށް، ބައްޕަ ފަރާަތުގެ އާއިލާ މީހުންނާއެކު ކުއްޖާއަށް ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިދިނުމަށް ވަކި ޝަރުތުތަކެއް ވެސް ކަނޑައެޅި އެވެ.
ނަމަވެސް އެއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ފެމެލީ ކޯޓުން ކުރި ހުކުމެއް ކަމަށް ބުނެ، ކުއްޖާގެ މާމަގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ފައެވެ.
ހައިކޯޓުން ވެސް ވަނީ ފެމެލީ ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކުއްޖާގެ ޙަޟާނާތު ބައްޕަ ފަރާތު މާމައާ ހަވާލުކުރަން މަންމަ އެއްބަސްވީ ކުއްޖާ ނުބެލިގެން ނުވަތަ ކުއްޖާ ބަލަން ބޭނުން ނުވެގެން ނޫންކަމަށެވެ.
އަދި ޙަޟާނާތު ލިބުމުގެ ޝަރުތެއް ކުއްޖާގެ މަންމަގެ ކިބައިން އުނިވެފައި ނުވާކަމާއި ޙަޟާނާތު ގެއްލޭ ފަދަ ސަބަބެއް ވެސް މެެދުވެރިވެފައި ނުވާކަމަށް ހުކުމްގައިވެ އެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ޑިސެމްބަރުު ހަތަރު ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލަ ނިންމާފައި ވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިއަދު މައްސަލަ ނިންމައި ކުރި ހުކުމްގައި ބުނެފައި ވަނީ ކުއްޖާގެ މާމަގެ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުގުތާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަސް ހައިކޯޓުން ރިއާޔަތް ނުކުރާކަމަށް ބުނާ ބުނުން ފިޔަވައި، ހައިކޯޓުގެ ހުކުމުގައި ނުވަތަ ހުކުމަށް ވާސިލްވުމުގައި ގާނޫނީ އުނިކަމެއް ހުރިކަން ދެއްކިފައި ނުވާކަމަށެވެ.
އަދި މައްސަލަ ނިންމުމުގައި ހައިކޯޓުން ގޯހެއް ހަދާފައިވާނަމަ، ނުވަތަ ވަކި ކަމެއްގައި ރިއާޔަތް ކުރަންޖެހޭ މިންވަރަށް ރިއާޔަތްކޮށްފައި ނުވާނަމަ، ނުވަތަ ހައްގެއް ގެއްލިފައިވާނަމަ، ނުވަތަ އިންސާފަށް ހުރަސްއެޅިފައިިވާކަމަށް ބުނާނަމަ، އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށް ބުނެދޭން ވާނެ ކަމަށެވެ.
ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ އެ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ހުށަހެޅި ފަރާތަށް ބުނެދެވިފައިވާ ކަަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"އެހެންކަމުން އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި މި މައްސަލައިިގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ގާނޫނީ ނުކުތާއެއް އޮތްކަމަށް އަހުރެން ނުދެކެވެ." ފަނޑިޔާރު މަހާޒުގެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު މަހާޒުގެ ރައުޔަށް، މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދުކުރައްވައިފަ އެވެ.
އަދި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ ފިރިހެން ކުއްޖާގެ ޙަޟާނާތުގެ ހައްގުވެރިއަކީ، ކުއްޖާގެ މަންމަ ކަމުގައި ކަނޑައަޅައި ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިިވާ މައްސަލައާ ގުޅިގެން ކުއްޖާގެ މާމަގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ އެ ހުކުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.