29 Dec 2011, 11:57
ފުވައްލަކު "ބަންޑާރަ ކިޅި" ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ކުއްޔަށް ދިނުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު މިއަދު ވިދާޅުވީ އެ ރަށު ބަންޑާރަ ކިޅި ސަރައްދުގެ ދެ ހަޓް ކުއްޔަށް ދޭން ނިންމީ ތިމާވެއްޓަށް ފައިދާ ހުރި ގޮތަށް އެ ސަރަހައްދު ބޭނުންކުރެވޭނެ ގޮތް ބަލަން ހަދާ ސާވޭ ނިމެންދެން ހަޓްތައް ބަލަހައްޓަން ކަމަށެވެ.
''އެންމެ ބޮޑު ބޭނުމަކީ ތިމާވެށީގެ ގޮތުން އެތަނުގެ އެންމެ ބޭނުންތެރި ގޮތަކީ ކޮބައިތޯ ބެލުމަށް ވެޓް ލޭންޑް ޕްރެޖެކްޓް، ނަމުގައި ކުރަމުންދާ ސާވޭ ނިމެންދެން ވަގުތީ ގޮތުން ކުރު މުއްދަތަކަށް އެ ހަޓްތައް ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުން'' ފަޒާދު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ހަޓްތަކަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށާއި ހަޓްތައް ހަވާލު ކުރަން ނިންމާފައިވަނީ ހަ މަސް ދުވަހަށް ކަމަށެވެ.
މިހާރު ވެސް އާންމުންނަށް ދެވޭ ގޮތަށް އޮންނަ އެ ސަރައްދުގައި ދެމެހެއްޓެނެވި ގޮތަކަށް ތިމާވެއްޓާއި ރަށްޓެހި ގޮތެއްގަ ބޭނުން ކުރެވޭނީ ކޮން ގޮތަކަށްތޯ ބެލުމަށް ކުލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދަށުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން "ވެޓް ލޭންޑް މެނޭޖްމަންޓް ޕްރޮޖެކްޓް" ސާވޭ އެއް ކުރަން ވަނީ ނިންމާފަ އެވެ.