08 Jun 2020, 14:57
ކޮވިޑް-19 ރޯގާ ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގާ ޕްރްގްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުވައިފި އެވެ.
ސަރުކާރުން ހިންގާ ޕްރޮގްރާމްތަކަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކުރުމަށް ފަހު، އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީތަކުން ފާހަގަކޮށްފައިވާ ހޯދުންތަކާއި ހުށަހެޅުންތައް އެކުލެވޭ ރިޕޯޓް، ރައިސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ މިއަދު ރައީސް އޮފީހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ.
އެ ރިޕޯޓުގެ ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭ މިހާރު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަން ޤަސްދުކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުން ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ހުށަހެޅުންތަކުގައި، މިވަގުތު ރާއްޖެއަށް މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްޞީލާއި އަދި، ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފުސީލު ހިމަނުއްވާފައިވެއެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެކަމަށް އަންދާޒާކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ
ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖްތިމާޢީ މައްސަލަތަކާއި، ބޯހިޔާވެހިކަން ގެއްލޭނެ މިންވަރާއި، އެކަންކަން
ގޮސްދާނެ މިސްރާބަކާގުޅޭ ދިރާސާތައްވެސް ރިޕޯޓުތަކުގައި ހިމަނާފައިވެއެވެ. އަދި، މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައި ތިބި
މީހުންނާއި، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ބޯހިޔާވެހިކަން ގެއްލޭ ފަރާތްތަކަށް އެހީވެވިދާނެ ގޮތުގެ ލަފައެއްވެސް ހިމަނާފައިވެއެވެ.
ހުރިހާ ރިޕޯޓް ފޮތެއްގެ ގޮތުގައި ތައްޔާރު ކޮށްފައިވާއިރު އެ ފޮތް 400 ސޮފުހާއަށް ވުރެން އިތުރު ވާނެ ކަމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެ ލަފާ އެރުވުމަށް މި ހުލާސާ އަޅުގަނޑު މި އަރުވަނީ ތިބޭފުޅުން ތި އިއްޒަތްތެރި މެންބަރުން ނިންމެވި ހުރިހާ ނިންމެވުން ތަކެއް އިރާދަކުރެއްވިއްޔާ ރައިސުލްޖުމްހޫރިއްޔާ އަތްޕުޅަށް އެރުވޭނެ ރައިސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ޔަގީންކަން ދެއްވާ އެއީ ސަރުކާރު ހިންގުމުގެ ގައިޑިން ނުވަތަ މަގު ދައްކައިދޭނެ ކަރުދާހެއްގެ ގޮތުގައި ނިންމުންތަކެއްގެ ގޮތުގައި ބަލައިގަންނަވާނެ ކަމަށް ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިޔުޝާއާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއާއި، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ ރުޤިއްޔާ އަޙުމަދު ދީދީ ބައިވެރިވެވަޑައިގަތެވެ.