29 Dec 2011, 11:35
ކޮންޑެ ނާސްޓް ޓްރެވެލާ އިންޑިއާ ރީޑާސް "ޓްރެވެލް އެވޯޑް 2011"ގެ ރަން ވަނައެއް ރާއްޖޭގެ ފޯ ސީޒަން ކުޑަހުރާ ރިސޯޓަށް ލިބިއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންނާއި ޓްރެވެލް އޭޖެންޓުންގެ ހިޔާލުގެ މަ މައްޗަށް ބިނާކޮށް ދީފައިވާ މި އެވޯޑްގައި ފޯ ސީޒަން ރިސޯޓަށް ލިބިފައިވަނީ "ބެސްޓް އޯވަސީސް ލެއިޝާ ހޮޓެލް" ގެ އެވޯޑެވެ. މި އެވޯޑް ފޯ ސީޒަން އާއި ހަވާލުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އިންޑިއާ، ނިއުދިއްލީގެ ލީލާ ޕެލަސް ހޮޓެލްގައި ބޭއްވުނު އެވާޑް ރަސްމިއްޔާތެއްގަ އެވެ.
ފޯ ސީޒަން ކުޑަހުރާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސަންޖީވް ހުޅުގާލޭ ވިދާޅުވީ މިއަހަރަކީ އެ ރިސޯޓުގެ އެއްމެ ކާމިޔާބު އެއް އަހަރު ކަމަށާއި އެ އެވޯޑް ލިބުމުގެ ފަހަތުގައި އެއްމެ އިސް ރޯލެއް އަދާކުރާ އެ ރިސޯޓުގެ ހުރިހާ ސްޓާފުންނަށާއި އެ ރިސޯޓަށް ވޯޓުދިން އިންޑިއާގެ ފަތުރުވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އާ އަހަރަކާ ކުރިމަތިލާނީ އިތުރު ލަނޑުދަނޑިތަކެއް ހާސިލްކުރުމުގެ އަޒުމުގައި ކަމަށްވެސް ސަންޖީވް ވިދާޅުވި އެވެ.
ފޯ ސީޒަން އަށް ކޮންޑެ ނާސްޓް ޓްރެވެލާ އިންޑިއާ ރީޑާސް ގެ އެވޯޑް ލިބުނު އިރު، ސެޕްޓެމްބަރު 2011 ގައި ބޭއްވި ކޮންޑެ ނާސްޓް ޓްރެވެލާ ޔޫކޭ ރީޑާސްގެ "ބެސްޓް އޯވަސީސް ލެއިޝާ ހޮޓެލް" ގެ އެވޯޑް ލިބުނީ ވެސް އެ ރިސޯޓަށެވެ. އަދި މިއަހަރުގެ ބެސްޓް އޮފް ދަ ބެސްޓްގެ އެވޯޑް ވެސް، ފޯ ސީޒަން ކުޑަހުރާ އަށް ވަނީ ލިބިފައެވެ.