ފުރަބަންދުގައި ހުންނަ މީހަކަށް ވެސް، ވަރަށް ގާތް އާއިލާ މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށް، ޝަރުތުތަކަކާއެކު ހުއްދަ ދޭނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެންއީއޯސީގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ މީހުން، އާއިލާ މީހެއްގެ ޖަނާޒާގައި ބައިވެރިވާން ދިއުމުގެ ހުއްދައަށް އެދެމުން އަންނަ ކަމަށެވެ.

ހަމައެއާއެކު ފުރަބަންދުގައި ގޭގައި ހުންނަ މީހަކަށް، މީހެއްގެ ޖަނާޒާގައި ބައިވެރިވެވިދާނެތޯ ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އޭގެ ޖަވާބަކީ ދެވިދާނޭ. އެހެން ނަމަަވެސް އަޅިގަނޑުމެން އެދެނީ ކޮންމެ ކޮންމެ މީހެއްގެ ޖަނާޒާއަށް ނުދާން. ހަމައެކަނި ވަރަށް ގާތް އާއިލާ މީހެއްގެ ޖަނާޒާއަށް ވިއްޔާ ދެވޭނީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރަށެއްގައި އެގޮތަށް ޖަނާޒާއަކަށް ދެވޭނީ ވަކި ކަހަލަ ކަންތައްތަކެއް ފުރިހަމަކޮށްގެން ކަމަށާއި، އެރަށެއްގެ ސިއްހީ މަރުކަޒުގެ ސިއްހީ އެހީތެރިއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

އަދި ޖަނާޒާއަށް ދާންވާނީ މާސްކް އަޅައިގެން ކަމަށާއި، އެހެން މީހުންނާ ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށެވެ.

"އެއީ ސިއްހީ އެހީތެރިއަކާ އެކު ގޮސް މޫނު ދެކިލާފަ އަނބުރާ އަންނަ ގޮތަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ގޮވާލަން ދިއުމުގެ ހުއްދައަށް ވެސް އެދެމުން އަންނަކަމަށް ޑރ. ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ އެޑްމިޓްކޮށްފައި ތިބޭ މީހުންނަކީ ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުން ކަމަށާއި، އެހެންކަމުން ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައިވާ ފަރާތަކަށް ޒިޔާރަތް ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.