28 Jun 2010, 16:03
19:00
މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ބަދަލު ގެނެސް އެބޯޑަށް އާ ހަތަރު މެންބަރަކު ހަމަޖައްސައިފި އެވެ.
އެގޮތުން އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވައިފައި ވަނީ އެމްޓީޑީސީގެ ޗެއާމަން ކަމުގައި ވެސް ހުންނެވި ބަންދު އިބްރާހިމް ސަލީމެވެ. އޭނާ އަކީ ކުރިން ބަނޑޮސް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ވެސް ދިގު މުއްދަތެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ މިހާރު ވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހިމާއި، މުހައްމަދު ވަހީދާއި، ޝާޒް ވަލީދާއި މޫސާ ސޯލިހުގެ އިތުރުން އަލަށް ހަމަޖެއްސެވި ދެ ބޭފުޅުން ކަމަށްވާ އާދަމް ރަޝީދު (ތަލްވާރު) އަދި ހައުސިން ކޯޕަރޭޝަންގެ ޗެއާމަން ކަމުގައި ވެސް ހުންނެވި މުހައްމަދު މުރާދެވެ. މީގެ ތެރެއިން ތަލްވާރު އާދަމް ރަޝީދަކީ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ވެސް މެމްބަރެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މި ބަދަލު ގެނެސްފައި މިވަނީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަމާ ބޯޑުގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ފަހު ތިން މެންބަރަކު އެބޯޑުގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމެންބަރުންނަކީ ކުރިން އެބޯޑުގެ މެންބަރުންގެ ގޮތުގައި ތިއްބެވި އިބްރާހިމް ނޫރައްދީނާއި، މުހައްމަދު އަމީން އަދި ހުސެއިން ސިރާޖެވެ.
ސަރުކާރުން މޯލްޑިވްސް އެއާޕޯޓް ކުންފުނީގެ ބޯޑަށް މިގެންނެވި ބަދަލާ ގުޅިގެން ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ އެއާޕޯޓްސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ގެނެސްފައިވާ ބަދަލަކީ އެބޯޑުގައި ހިމެނިވަޑައިގެންނަވާ ތިން މެންބަރަކު ސަރުކާރުން މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް، އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏާ ހަވާލުކުރުމަށް އެތަން އަގުކުރި ގޮތުގެ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެ އެކަމާ ހިތްހަމަނުޖެހިވަޑައިގެން ވަކިވެވަޑައިގެންނެވުމާ ގުޅިގެން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.