08 Jun 2020, 09:10
މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 400،000 އިން މައްޗަށް އަރައިފި އެވެ.
ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 400،000 އަށް އަރާފައިވާއިރު ބްރެޒިލްއާއި އިންޑިއާގައި ވައިރަހަށް ޕޮޒިޓީވްވާ މީހުން އިތުރުވާން ފަށާފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެއެވެ.
މުޅި ދުނިޔޭގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ބައި މިލިއަނާ ގާތް ކުރަމުންދާއިރު އެމެރިކާގައި އެކަނިވެސް އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 112،000 އިން މައްޗަށް އަރައެވެ. އެއީ މުޅި ދުނިޔޭގައިވެސް އެއް ގައުމަކުން އެ ވައިރަސް ޖެހިގެން މަރުވި އެންމެ ގިނަ މީހުންނެވެ.
ދުނިޔޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކޭސްތަކުގެ އަދަދު މިހާރު ހަތް މިލިއަނާ ގާތްކުރާއިރު އެމެރިކާއިން އެކަނިވެސް އެ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ދެ މިލިއަނާ ގާތް ކުރެއެވެ.
ޗައިނާގެ ވޫހާންއިން ފެތުރެން ފެށި ކޮވިޑް-19 ވައިރަހުގެ ފުރަތަމަ މަރު ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. ނަމަވެސް ވައިރަސްގައި މަރުވި މީހުންގެ އަދަދު 100،000 އަށް އަރާފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 300،000 އިން 400،000 އަށް އަރަން ނެގީ އެންމެ 24 ދުވަހެވެ.
މިހާތަނަށް ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ ކޮންމެ އަހަރެއްގައި މެލޭރިއާ ޖެހިގެން މަރުވާ މީހުންނަށްވުރެ އިތުރު އަދަދެކެވެ. މެލޭރިއާއަކީ ދުނިޔޭގައި ފެތުރޭ އެންމެ ނުރައްކާތެރި އެއް އިންފެކްޝަސް ބައްޔެވެ.