08 Jun 2020, 00:40
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކޮވިިޑް19ގެ އެންޓިބޮޑީ ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެންޓިބޮޑީ ޓެސްޓަކީ މީހަކަށް ކުރިން ބަލި ޖެހި، ރަނގަޅުވެފައި ވޭތޯ ދެނެގަތުމަށް ކުރާ ޓެސްޓެކެވެ.
މިރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ އަމިއްލަ ކްލިނިކްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުން ވެސް އެންޓިބޮޑީ ޓެސްޓު ކުރުމުގެ ހުއްދައަށް އެދެމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް އެ ހުއްދަ ދެމުން ނުދާތީ އެކަމާ ގުޅިގެން ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. ހުއްދަ ނުދޭ ސަބަބު ސާފުކޮށްދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިހާތަަށް ރިކުއެސްޓު ކޮށްފައި ހުރީ ޕީސީއާރް ޓެސްޓިން އަށް ނޫން ކަމަށާއި، އެންޓިބޮޑީ ޓެސްޓިން އަށް ކަމަށެވެ.
އާންމު ހާލަތްތަކުގައިވެސް އެޗްޕީއޭއިން ބަލާ އާންމު ސިއްހަތަށް ނުރައްކާވާނެ ކަހަލަ ވަކި ހާއްސަ ބަލިތަކެއް ހުންނަ ކަމަށާއި އެ ބަލިތަކަށް ވެސް ޓެސްޓުކުރެވެނީ ސީދާ ނެޝަނަލް ޕްރޮގްރާމުގެ ދަށުން، ޕްރޮގްރާމުން ކަނޑައަޅާ ވަކި ތަނެއްގައި، ވަކި މިންގަނޑުތަކަކަށް ކަމަށެވެ.
"މިހާރު މިއޮތީ އާންމު ސިއްހީ ހާލަތުގެ އެމަޖެންސީ ހާލަތެއް ކުރިމަތިވެފައި، އެހެންވީމަ މިވަގުތު ގައުމީ ފެންވަރުގައި ޓެސްޓުކުރަން މި ބޭނުންވާ ކެޕޭސިޓީ ހުންނަންޖެހޭ ތަންތަނާ، މިންގަނޑުތައް ސެންޓްރަލީ މެނޭޖްކުރަމުން މި އަންނަނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔޭގެ މާކެޓުގައި މިވަގުތު ވަރަށް ގިނަ އަދަދެއްގެ އެންޓިބޮޑީ ޓެސްޓުތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް ހުރިހާ ޓެސްޓުތަކަކީ ސްޓެންޑާޑަށް ފެތޭ ޓެސްޓުތައް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަބަރުތަކުން ވެސް ފެނޭ ބައެއް ބޭރު ގައުމުތަކުގައި ވެސް ބައެއް ކިޓްތައް ބޭނުންކުރަން ފަށާފައި ހުއްޓާލި ވާހަކަ. ނޫނީ ކިޓްތައް އިމްޕޯޓުކޮށްފަ ބޭނުން ނުކުރެވޭ ވާހަކަ،" ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެޗްޕީއޭ އިން އެންޓިބޮޑީ ޓެސްޓު ކުރަން ބޭނުންކުރަނީ ވެލިޑޭޓްކޮށްގެން ވަކި ސްޓެންޑާޑްތަކެއް ހިފެހެއްޓޭ ޓެސްޓުތައް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ސްޓެންޑާޑް ހިފަހައްޓާނެ ކަމަށެވެ.
އަދި އަތޮޅުތެރެއަށް އެންޓިބޮޑީ ޓެސްޓިން ފުޅާކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް އެންޓިބޮޑީ ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު މާލޭގައި ތިބި އަތޮޅުތެރޭގެ ރައްޔިތުން އަނބުރާ ރަށަށް ގޮސް، 24 ދުވަހަށް ހޯމް ކަރަންޓީނު ވާންޖެހޭ ގޮތަށް އުސޫލު އެކުލަވާލާފައި ވާއިރު، އެމީހުން ވެސް އެންޓިބޮޑީ ޓެސްޓު ހެދުމަށް ވަނީ ނިންމާފައެވެ.
އެ ޓެސްޓުގެ ނަތީޖަ ޕޮޒިޓިވްވެއްޖެނަމަ، އެމީހަކަށް ރަށަށް ނުދެވޭނެ ކަމަށް ޑރ. ނަޒްލާ މިރޭ ވިދާޅުވިއެވެ. އަދި 24 ދުވަހުގެ ހޯމް ކަރަންޓީން ނިމުމުން ވެސް އެންޓިބޮޑީ ޓެސްޓުކުރުމަށް ވަނީ ނިންމާފައެވެ.
އަތޮޅުތަކަށް ފޮނުވާ ރައްޔިތުންގެ އެންޓިބޮޑީ ޓެސްޓް ހަދަމުންދަނީ ސޯޝަލް ސެންޓަރުގައެވެ.