މި ހަފްތާގެ ތެރޭގައި އަތޮޅުތެރޭގައި ތިބި މާބަނޑު މީހުން ކުރަންޖެހޭ ސްކޭންތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، ނަޔާޒް އަހްމަދު ވިދާޅުވީ އަތޮޅުތެރޭގައި މިހާރުު ކުރިއެކޭ އެއްގޮތަށް ސިއްހީ ހިދުމަތް ލިބެމުންދާނެ ކަމަށެވެ.

ކޮވިޑް19 ފެތުރެން ފެށުމުގެ ކުރިން ރާއްޖޭގެ އަތޮޅު ހޮސްޕިޓަލުތަކުގައި ތިބޭ ސްޕެޝަލިސްޓު ޑޮކްޓަރުން، އަތޮޅުގެ އެހެން ރަށްތަކަށް ގޮސް ބަލިމީހުން ބެލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު އެ ޕްރޮގްރާމް އޮތީ ހުއްޓިފަައެވެ.

ނަޔާޒް މިރޭ ވިދާޅުވީ އަންނަ ހަފްތާގައި އެ ޕްރޮގްރާމް އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ހަމައެއާއެކު މާބަނޑު މީހުންގެ ކަންކަންވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވަނީ ބަނޑަށް 20 ހަފްތާ އާއި 24 ހަފްތާގައި ހަދަންޖެހޭ ސްކޭން ހެދުމުގެ މައްސަލަކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް، މި ހަފްތާގެ ތެރޭގައި ރޭޑިއޮލޮޖިސްޓުން ފޮނުވައިގެން އަތޮޅުތެރޭގައި ތިބި މާބަނޑު މީހުން ސްކޭން ކުރުމުގެ ކަންކަން ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ އަތޮޅުގެ ރަށްތަކުން ގިނަ ބަޔަކު މާލެއަށް ސްކޭން ހަދަން އަންނަ އިރު، އެ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި ދެން ސްކޭން ކުރުމަށް ދާންޖެހޭނީ މާފުށްޓަށް ކަމަށް ނަޔާޒް ވިދާޅުވިއެވެ.

އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރުން އަދިވެސް މަޑުޖައްސާލާފައި އޮތުމުގެ ސަބަބުން، އެއް ރަށުން އަނެއް ރަށަށް ސިއްހީ ހިދުމަތް ހޯދަން ދިއުމުގައި ދަތިތަކެއް ހުރިކަން ނަޔާޒް ފާހަގަކުރެއްވިއެވެ.

އެ ދަތިތަކާ އެކުވެސް، ކުއްލިއަކަށް ޓްރާންސްފާ ކުރަން ޖެހިއްޖެ ހާލަތެއްގައި އެއް ރަށުން އަނެއް ރަށަށް ވެސް، އަދި އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ވެސް ކުރިއެކޭ އެއްގޮތަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނަޔާޒް ވިދާޅުވީ ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ ރަށްތައް ފިޔަވައި، މާލެ އަތޮޅުގެ އެހެން ރަށްތަކުން ވެސް ބަލި މީހުންވެސް ފަރުވާއަށް މާލެ ގެނައުމުގެ ބަދަލުގައި، އެހެން ރަށަކަށް ނުވަތަ އަތޮޅުތަކަށް ގެންގޮސްގެން ފަރުވާ ދިނުމަށް ވިސްނުން ހުރި ކަމަށެވެ.