07 Jun 2020, 22:56
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ނުފެންނާތީ، މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން ބައިވެރިނުވާނެ ކަމަށް ބުނެފިއެވެ.
މާދަމާ ހެނދުނު 09:00 އަށް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާ ވަނީ އެޖެންޑާކޮށްފައެވެ.
މާދަމާގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރި ނުވާނެކަމަށް ބުނެ ނެރުނު ބަޔާނުގައި، ޖަލްސާ ބޮއިކޮޓްކޮށް ހަތަރު ސަބަބެއް ބަޔާންކޮށްފައިވެއެވެ.
އެގޮތުން ފުރަތަމަ ސަބަބެއް ކަމުގައި ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި، ދޭއް ޖޫން ވަނަ ދުވަހުގެ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ހިލާފަށް، ކުއްލިއަކަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނުކުމެވަޑައިގަތުމަށް އަމުރުކުރައްވައި، އަދި އެމްޑީޕީގެ ބައެއް މެމްބަރުންް ލައްވާ މެމްބަރު ޝިޔާމަށް އަނިޔާކޮށް، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރުމަށްފަހު މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލައި، އަދި މެމްބަރު އަހްމަދު ޝިޔާމްގެ ހާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެމްބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެމްބަރުންނަށް ލިބިފައިވާ ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގަނެފައިވުމެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ)ގައި، "ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް" ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތިން ވަނަ މާއްދާގައި، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވެސް ބަޔާންކޮށްފައިވާއިރު، އެ މަސްއޫލިއްޔަތު އަދާނުކުރައްވައި މަޖިލީހުގެ ހުރުމަތާއި ކަރާމަތާއި ގަދަރު ކުޑަވާގޮތަށް ރިޔާސަތުން އަމަލު ކުރައްވާފައިވާ ކަމަށް ވެސް ކޯލިޝަންގެ ބަޔާނުގައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މަޖިލީހުގެ މެމްބަރުން މާރާމާރީ ހިންގީ ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 239 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާ ބާރުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހާއި މެމްބަރުންގެ ސަލާމަތީ ކަންކަން، ދައުލަތުގެ ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް އިންތިޒާމުކުރައްވާފައި ނުވާތީކަމުގައި ގަބޫލުކުރެވޭތީ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"އިސްވެ ދެންނެވުނު ގާނޫނުތައް ނަގަހައްޓާފައި ނުވާތީވެ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ނުފެންނާތީ، އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޝިޔާމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީއާއި، އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ޖޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.