07 Jun 2020, 22:36
މަނީލޯންޑްރިންގެ މައްސަލައެއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔަމީންގެ ބަލި ހާލަތު ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް، ޕީއެންސީއިން ދަނީ ބުނަމުންނެވެ. މިރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރުމަށް ޖަލަށް ވަޑައިގަތީ، އެމަނިކުފާނުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރު ދީފައި އޮތް ލިޔުމަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ. ޖަލަށް ވަޑައިގަތީ ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރަން ދިއުމަށް ރައީސް ޔާމީނަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"އެހެންނަމަވެސް މިވަގުތު ރައީސް ޔާމީން ބޭނުންފުޅުވެވަޑައެއް ނުގަންނަވާ ބޭރަށް ބޭސްފަރުވާކުރަން ވަޑައިގަންނަވާކަށް. އަޅުގަނޑުމެން ދޭތެރެއަކުން އެބަ އެވާހަކަ ދައްކަން. ރައީސް ޔާމީނާއި ރައީސް ޔާމީންގެ އާއިލާއިން ބޭސްފަރުވާކުރަން ވަޑައިގަންނަވަން ވީމަ އެކަމަށްޓަކައި ފަހިކޮށްދޭން ޖެހޭ ހުރިހާ ފުރުސަތުތަކެއް އަޅުގަނޑުމެން ފަހިކޮށްދޭނަން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ސަރުކާރުން ރައީސް ޔާމީނަށް އަޅާނުލާ ކަމަށް ބުނެ ޕީޕީއެމުން ކުރާ ތުހުމަތުތައް އިމްރާން ވަނީ ދޮގުކޮށްފަ އެވެ. އިމްރާން ވިދާޅުވީ މީގެ ކުރިން އެބޭފުޅުން ޖަލުގައި ތިއްބެވިއިރު ލިބުނު ހިދުމަތަށްވުރެ ރައީސް ޔާމީނަށް ދެއްވަމުން ގެންދަވާ ހިދުމަތްތައް ފުރިހަމަ ވާނެ ކަމަށެވެ.
"ކިރިޔާވެސް އަޅުގަނޑުމެންނަށް ރައީސް ޔާމީނަށް ކޮށްދެވެން އޮތް ކަމެއް އަޅުގަނޑުމެން މިދަނީ ކުރަމުން. މިހާރުވެސް ކޮވިޑް 19 ގެ އެންމެ ދަތި ދުވަސްވަރުގައިވެސް އެމަނިކުފާނަށް އެކްސަސައިޒް ކުރުމާއި ޑޮކްޓަރަށް ދެއްކުމާއި ވެވެން އޮތް އެންމެ ފަސޭހައެއްކޮށް ކޮށްދެމުން މިދަނީ. އަނެއްކޮޅުން އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ އަޅުގަނޑު ކޮންމެ ދުވަހަކުހެން އަޕްޑޭޓް ނަގަމުން ގެންދަން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ގާނޫނުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާކަމެއް ރައީސް ޔާމީނަށް ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެން ދައުލަތުން ކުރި މަނީލޯންޑަކުރުމުގެ ދައުވާ ސާބިތުވުމުންނެވެ.