މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ ދެ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. އެޗްޕީއޭއިން ބުނީ މިއަދު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ދެ ދިވެހީން ކަމަށެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއަދު 875 ސާމްޕަލް ޓެސްޓުކުރި ކަމަށާއި، 873 ސާމްޕަލް ނެގެޓިވްވެފައިިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 1،903 އަށް އަރައިފައެވެ.

އޭގެެ ތެރޭގައި ހިމެނެނީ 1،022 ބަންގްލަދޭޝް މީހުންނާއި، 639 ދިވެހީންނާއި، 190 އިންޑިއާ މީހުންނާއި ނޭޕާލްގެ 24 މީހަކާއި، އިޓަލީގެ 11 މީހަކާއި، ސްރީލަންކާގެ 10 މީހަކާއި، ޕާކިސްތާނު ތިން މީހުންގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތާ ހަތަރު މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 30،021 ސާމްޕަލެއް ވަނީ ވައިރަހަށް ޓެސްޓުކޮށްފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 827 މީހަކު ރަނގަޅުވެފައި ވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ހުރީ 1،066 މީހުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުުލޫމާތަށް ބަލާއިރު، މިވަގުތު 1،297 މީހަކު ކަރަންޓީނު ފެސިލިޓީތަކުގައި އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި 1،082 މީހުން އެބަތިއްބެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައެވެ.