29 Dec 2011, 10:04
ފިނޭންސް މިނސްޓަރު އަހުމަދު އިނާޒާއި ޕީޕީއެމްގެ ޕާލިމެންޓް ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ބައްދަލްކުރި މައްސަލާގައި އެމްޑީޕީގެ އިސް އެކްޓިވިސްޓުން ހިންގާފައިވާ ދަށުދަރަޖައިގެ އަމަލަކީ އެމްޑީޕީން ހިތްވަރުދޭ އަމަލުތަކެއް ނޫން ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.
އެމްޑީޕީން ބުނީ ޔާމީންގެ ކާރުކޮޅުގައި މާލޭ ދެކުނު ފަރާތު ސްޓޭޑިއަމް ސަރަހައްދުގައި ޕާކްކޮށްގެން އެ ދެ ބޭފުޅުން ކާރުތޭރޭގައި ތިއްބެވިކަމުގެ މައުލޫމާތު އެމްޑީޕީގެ އިސް އެކުޓިވިސްޓުންތަކަށް އެނގުމާ އެކު އެކަމަށް ފާރަލައި އަޑުގަދަކޮށް އީނާޒް ކާރުން ފައިބާ ވަޑައިގަތުމުން އޭނާއާ ދިމާކޮށް ހަޑި ހުތުރުބަހުން ވާހަކަ ދައްކަވައި މަގުމަތީގައި އަޑުގަދަކޮށް އޭނާ ޕާޓީގެ ހަރުގެއަށް ގެންގޮސް ހިންގާފައިވާ އަހުލާގީ ގޮތުން ދަށު ދަރަޖައިގެ އަމަލުތަކަކީ އެމްޑީޕީން ހިތްވަރުދޭ އަމަލުތަކެއް ނޫން ކަމަށާއި ދައުލަތުގެ ވަޒީރަކާ މެދު އެފަދަ އިހްތިރާމް ކުޑަ ގޮތަކަށް ކަންތައް ކުރުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"... މި ޕާޓީގެ އެއްވެސް މެންބަރަކު ޕާޓީގެ އުސޫލުތަކާ ހިލާފު އަމަލެއް ހިންގައިފި ނަމަ އެފަދަ ކަންކަމުގައި އަމަލްކުރަން ވީގޮތް ޕާޓީގެ އަސާސީ ގަވާއިދުގައި ސާފުކޮށް ބަޔާން ވެގެންވީ ހިނދު އެފަދަ އުސޫލްތަކާއި ޑިމޮކްރަސީގެ އަމަލުތަކާއި ހިލާފަށް ޕާޓީގެ ނިޒާމުން ބޭރުން އެކަކު އަނެކަކަށް މަގުމަތިން ގޮތް ނިންމާ ހުކުމް ކުރުމަކީ އެމްޑީޕީގެ އުސޫލްތަކަށް ޖާގަ ދޭކަމެއް ނޫން،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި އެ ޕާޓީގެ އިސް އެކްޓިވިސްޓުން ހިންގި އަމަލު ކުށްވެރިކޮށްފައެއް ނުވެ އެވެ.
އެމްޑީޕީން ބުނެފައި ވަނީ ދިވެހި ޖުމުހުރިއްޔާގެ ގަނޫނު އަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެސް އަސާސީ ހައްގަކަށް އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް އަރައިގަތުމަކީ އެ ޕާޓީން ހިތްވަރުދޭނެ ކަމެއް ނޫން ކަމަށާއި އެ ބާވަތުގެ އެއްވެސް އަމަލެއް އެމްޑީޕީގެ މެންބަރުން ތަކުރާރު ނުކުރުމަށް ގޮވާލާ ކަމަށެވެ.
އަދި ބުނެފައި ވަނީ ޑިމޮކްރަސީގެ ޅަފަތުގައި ހަލަބޮލި ސިޔާސީ ވެއްޓެއްގައި ސިޔާސީ ހަރަކާތް ހިންގާއިރު ވެރިކަން ކުރާ ޕާޓީގެ ފަރާތްތަކާއި އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަކާއި ބައްދަލްކޮށް މުއާމަލާތްކުރާ އިރު ދެފުށް ފެންނަ ގޮތަށް މުއާމަލާތް ކުރުމަށް އެމްޑީޕީން އިލްތިމާސްކުރާ ކަމަށެވެ.
އިއްޔެ ރޭ މާލޭ ޓްރެކް ދަނޑު ކައިރީގައި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ކާރުކޮޅުގައި އޭނާއާ އެކު ވާހަކަ ދައްކަވަން ފިނޭންސް މިނިސްޓަރު އަހުމަދު އީނާޒް އިންނަވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ގޮސް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު އެ ކާރުން ބާލައި އޭނާ ލަވަމުން ކަހަލަ ގޮތަކަށް އެމްޑީޕީގެ ހަރުގެތެރެއަށް ވައްދައިގެން ހަޅެއްލަވާ އެއްޗެހިކިޔާ އެނާގެ އިސްތިއުފާއަށް ވަނީ ގޮވައިފަ އެވެ.