ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުން އަވަސްކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ފޯމު ލާފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުން މެދުކެނޑިފައިވަނީ ކޮވިޑާއެކު އައިސްފައިވާ ލޮކްޑައުންގެ ސަބަބުން ކަމަށާއި ލޮކްޑައުން ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް ހަދަންޖެހޭ އެސެސްމެންޓުތައް ހަދާ ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު "ސަން" އަށް ވިދާޅުވީ ފުރަބަންދުގައި ސަރުކާރުން ބޭނުންވާ ހުރިހާ މަސައްކަތެއް ވެސް އޮންލައިންކޮށް ކުރަމުން އަންނަކަމަށާއި ލޮކްޑައުންވެފައި އޮތުމަކީ ފްލެޓުތައް ހަވާލުނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފްލެޓުތަކުގެ ހައްގުވެރިން ހޮވައި، ލިޔުން ވެސް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ފްލެޓުތައް ހަވާލުކުރަން މިހާރު ކުރަންޖެހޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުު ނިމިގެން ދިޔަ އިރު އޮންނާނީ ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓުތައް ހައްގުވާ މީހުން ހޮވާ، އެމީހުންނަށް ފްލެޓު ލިބޭނެކަމުގެ ލިޔުން ހަވާލުކޮށްފައި. އެހެންވީމަ އިންސާފުވެރިކަމާއެކު މިކަން ކުރާ ކަމަށް ވަންޏާ އެބޭފުޅުންނަށް ހަމައެކަނި ޖެހޭނީ ލިޔުން ލިބިފައި ހުރި ފަރާތްތަކަށް އެތަންތަން ހަވާލުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ފްލެޓު ލިބޭ މީހުން ކަނޑައެޅީ ވަރަށް ރަނގަޅަށް ބަލައި، އެސެސްމަންޓުތައް ހެދުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ފްލެޓުތައް ހަވާލުކުރުން ލަސްވެގެންދަނީ، އެމްޑީޕީ އަދި ސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓުތައް ދިނުމަށް ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.

"ބޭނުންވާ ގޮތަކަށް މި އަނބުރާލަން ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބިފައިވާ މީހުންނަށް އެއްވެސް ބަދަލެއް ނުގެނެސް، ވީހާވެސް އަވަހަކަށް ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކުރުމަށް އަބްދުއްރަހީމް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

"އެއީ ވަރަށް ރަނގަޅަށް ބަލައި ދިރާސާކޮށްގެން އެފަރާތްތައް ކަނޑައަޅާފައި އެވަނީ. އެހެންވީމަ އެ ފަރާތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރުން މިހާރަށް، ލިޔުން ހަވާލުކޮށްފައިވާ ފަރާތްތަކަށް ފްލެޓުތައް ހަވާލުކޮށްދެއްވުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށާއި، އެއީ ގުރާގޮށިތަކެއް ކަހަލަ އެއްވެސް ތަނަވަސްކަމެއް ނެތް ފްލެޓުތަކެއްގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކާ ގުޅިގެން ވެސް އަބްދުއްރަހީމް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވެ ސަރުކާރުގެ ފްލެޓުތައް ދިނުމާ މި ހުރިހާ ކަމަކާ ބެހޭ ބޭފުޅެއް ހެނެއް. މިއީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް. މި ނިޒާމުގައި ސަރުކާރު ހިންގާނީ ރައީސުލްޖުމްހޫރިއްޔާ. އެކަމަކު އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ސަރުކާރުގެ ހިންގުމުގެ ތެރެއަށް ވެސް މަޖިލީހުގެ ރައީސް އަތް ބާނަމުން ގެންދާތަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ ކަހަލަ ކުދި ގައުމުތަކުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ލޯނު ނަގައިގެން ކަމަށެވެ. ލޯނު ނަގައިގެން ވިޔަސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީން ލޯނު ނުނަގާ އޭ އެ ވިދާޅުވާ ފްލެޓުތައް ކޮބައިތޯ އެޅިފަ މިހާތަނަށް. އަޅުގަނޑުމެންނަކަށް ނުފެނޭ އެ ވިދާޅުވާ ތަނެއް. އެހެންވީމަ އެ ދައްކަވާ ވާހަކަ ދެކޮޅެއް ނުޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓު ހޯދުމަށް 22،000 މީހަކު ހުށަހަޅާފައިވާއިރު ކުރީ ސަރުކާރު ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓު ދިނުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް ހިޔާ ފްލެޓުތައް ދީފައިވާގޮތް ބެލުމަށް ވަނީ ކޮމެޓީ އެއް އެކުލަވާލައިފަ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އޭގެ ހައްގުވެރިންނާ މިއަހަރު ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ފްލެޓު ދޭނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށްވެސް ރައީސް ވަނީ ފަހުން ވިދާޅުވެފަ އެވެ.