07 Jun 2020, 20:58
ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހަދަންޖެހޭކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގަވާއިދު، ހިއުމަން ރައިޓްސް ކޮމުޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެކުލަވާލާފައި ނުވާތީ، 30 ދުވަހުގެ ތެރޭގައި އެ ގަވާއިދު އެކުލަވާލައިި ގެޒެޓުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ގާނޫނުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ތަހުގީގުކުރުމާގުޅޭ ކަންކަމުގައި ގަވާއިދުތައް ހަދާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކަމަށެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދައި ނިންމަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަންފެށީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، އެޗްއާރްސީއެމް އިން އަދިވެސް އެ ގަވާއިދު އެކުލަވާލާފައި ނުވާކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، 30 ދުވަހުގެ ތެރޭގައި އެ ގަވާއިދު އެކުލަވާލައި، ދިވެހި ސަރުކާރުގެ ޖެޒެޓްގައި ޝާއިއުކުރުމަށް އެ ކޮމިޝަނަށް މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އަންގަވާފައިވާ ކަމަށެވެ.
ގާނޫނުއަސާސީގެ 223 ވަނަ މާއްދާ އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްތުތަކާއި ބާރުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.