07 Jun 2020, 17:05
ގުޅިފަޅުގައި ރާއްޖޭގެ މައިޕޯޓް ހެދުމަށް އެ ފަޅުން ބައެއް ހިއްކަން ފަށާފައިވާއިރު، އެ މަޝްރޫއުއަކީ ގިނަ ފައިދާތަކެއް ލިއްބައިދޭނެ މުހިންމު މަޝްރޫއެއް ކަމަށާއި، އެހެން ނަމަވެސް އެކަމުގެ ސަބަބުން ރާއްޖޭގެ ފަރުުތައް ހަލާކުވާން ފުރުސަތު ނުދޭވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގުޅިފަޅުގެ ބިން ހިއްކަން ފަށާފައިވާއިރު އެކަމުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތައް ލިބޭތީ، ތިމާވެށި ހިމާޔަތް ކުރުމަށް އަޑުއުފުލާ ފަރާތްތަކުން ގެންދަނީ އެންވައިރިމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވަނީ ގުޅިފަޅު ހިއްކުން ދިފާއުކުރައްވައިފަ އެވެ. އީޕީއޭގެ ވެރިޔާ، ޑިރެކްޓަރު ޖެނަރަލް މުހައްމަދު ނައީމަށް ތައުރީފުކުރައްވައި ނަޝީދު ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރުކުރާ ކަމަށެވެ.
މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބިމެއް ބޭނުމީ މާލޭގައި ދިރިއުޅޭ މީހުންނަށް އެހެން ގޮތެއް ނެތުމުން ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވި އެވެ. ހަމައެއާއި އެކު މި ސަރަހައްދު ތޮއްޖެއްސުން ހުއްޓުވުން ވެސް މުހިންމު ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދުގެެ އެ ޓުވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ.
ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ނަޝީދު މިއަދު ހަވީރު އިނގިރޭސިބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ކައިރީގައިވާ ފަރުތަކަށް ލިބޭ ގެއްލުމުން ސަލާމަތް ކުރުމަށް، އިތުރު އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އީޕީއޭ އާއި ރައްޔިތުންގެ މަޖިލީހުން ލަފާދެމުން އަންނަ ކަމަށެވެ.
"އުންމީދުކުރަން ސަރުކާރުން އެ ފިޔަވަޅުތައް ބަލައިގަންނާނެކަމަށް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ގުޅީފަޅުގައި ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ސަބަބުން ތިމާވެށްޓަށް ނުރައްކާތެރި އަސަރުތައް ކުރަމުންދާ ކަމަށް ބުނެ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުން ދިޔަ ނަމަވެސް، ކޮށްފައިވާ ދިރާސާތަކަށް ބަލާނަމަ އެ މައްސަކަތް ހުއްޓާލަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.
އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބުނު ނަމަވެސް މަޝްރޫއުގެ "އިކޮނޮމިކް ވެލިއު މާ ބޮޑު" ކަމަށެވެ.