28 Dec 2011, 23:24
ރާއްޖޭގައި ކޮންމެ ކަމަކަށް ގާނޫނެއް ނެތުމުގެ ސަބަބުން ހުކުމްތައް ލިޔުމުގައި ފަނޑިޔާރުންނަށް ދަތިތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފުރަތަމަ ލޯ ރިވިއު ޖާނަލް "މޯލްޑިވްސް ލޯ ރިވިއު" ނެރެ ދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ކޯޓްތަކުގެ ޖަޖްމެންޓްތައް ބަލާއިރު މައިގަނޑު ގޮތެއްގައި ހުންނަނީ ފެކްޓް ބޭސްޑް ޖަޖްމެންޓްތައް ނުވަތަ ފެކްޓް ސާބިތު ކުރުމަށް ފަހު އޭގެ މައްޗަށް ކުރާ ހުކުމްތައް ކަމަށެވެ.
"ގާނޫނުގެ ނައްސުތަކަށް ބަލާއިރު ގާނޫނުގެ ނައްސުތައް ނުހުންނަ ހާލަތުގައި ގާނޫނީ އުސޫލުތައް ބަޔާން ކުރާ ޖަޖްމެންޓްތައް ވަރަށް މަދު. ހާއްސަކޮށް ކުރީގެ ޖަޖްމެންޓްތަކަށް ބަލާއިރު. އެހެން ދިމާވާން ޖެހޭ މައިގަނޑު ސަބަބަކީ ކޮންމެ ކަމަކަށް ރާއްޖޭގައި ގާނޫނެއް ނެތުން، ނެތީމާ ފަނޑުޔާރުންނަށް ރާއްޖޭގައި ޖަޖްމެންޓްތައް ލިޔުމުގައި ދަތިތަކެއް ހުރޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީގެ ބައެއް ޖަޖްމެންޓްތަކަށް ބަލާއިރު ފެކްޓް ސާބިތު ކުރުމަށްފަހު ސާބިތުވި ފެކްޓްގެ އަލީގައި ލޮޖިކް އެޕްލައިކޮށްފައި ހުންނަ ކަމަށާއި ނަމަވެސް މިހާރު އެ މިސްރާބު ބަދަލުވާން ފަށާފައިވާ ކަމަށެވެ.
"މިހާރުގެ ޖަޖްމެންޓްތަކަށް ބަލާއިރު މަދުން ނަމަވެސް ހުންނާނެ ގާނޫނުގެ ނައްސުތައް ބަޔާންކޮށްފައި އަދި ބައެއް ކަހަލަ ޕްރިންސިޕަލްތައް ބަޔާންކޮށްފައި، ބައެއް ކަހަލަ އިންޓަނޭޝަނަލް ޕްރިންސިޕަލްތައް ވެސް ބަޔާންކޮށްފައި. އަޅުގަނޑު ހިތުން މިއީ ޖަޖްމެންޓްތައް ލިޔަމުން އަންނަ އުސޫލަށް އަންނަ ހެޔޮ ބަދަލެއް. މިބަދަލާއެކު ކުރިޔަށް އޮތް ތާނގައި ވަރަށް ރަނގަޅު ނިންމުންތަކެއް ފެނިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ހުކުމްތައް ލިޔުމުގައި ފަނޑިޔާރުނަށް އެހީވެ ދެއްވިދާނެ މަގެއް އޮތް ކަމަށް އިޝާރާތް ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައި މިހާރު ވާކާލަތު ކުރުމުގެ އާދައަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ވަކީލު ވަޑައިގެން ހާދިސާ ބަޔާން ކުރުން ކަމަށެވެ.
އެހެންނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކާލާތު ކުރުމުގެ އުސޫލުގެ ތެރޭގައި ފެކްޓް ބަޔާން ކުރުމާއެކު މުހިންމު، ގުޅުން ހުރި ގާނޫނުތަކާއި ގާނޫނީ އުސޫލުތައް ބަޔާން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ހުކުމްތައް ނެރުމުގައި ފަނޑިޔާރުންނަށް ފަސޭހަ ވެގެން އަންނާނެ ކަމަށެވެ.