07 Jun 2020, 14:57
ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ދަތުރެއް ބާއްވަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ މިމަހުގެ 10 އެއްވާ ބުދަ ދުވަހު ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި ރާއްޖެ ގެންނާނީ ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާ، ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް ނާދެވި ތިބި ފަރާތްތަކާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި، ރާއްޖެ އަށް އަނބުރާ ނާދެވި ތިބި ފަރާތްތައް ކަމަށެވެ.
މީގެެ އިތުރުން ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ ފަރާތްތައް އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ވެސް މި ފްލައިޓުން ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ ފްލައިޓްގެ ސީޓިން ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު ފަރާތްތަކަށް ވެސް ޖާގަ ދެވޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ ލަންކާގެ އިތުރުން ދިވެހިން ތިބި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށާއި މި މަސައްކަތުގައި ކޮވިޑް-19ގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް ކަރަންޓީން ކުރެ އެވެ.
މީގެ ކުރިންވެސް ފޮރިން މިނިސްޓްރީ އިން ވަނީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ، ނޭޕާލް، ޕާކިސްތާނު، ފިލިޕީންސްގެ އިތުރުން ޔޫރަޕުގެ އެކި ގައުމުތަކުގައި ދިރިއުޅޭ އަދި ކިޔަވަމުންދާ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ރާއްޖެ ގެނައުމަށް ފެސިލިޓޭޓް ކޮށްދީފަ އެވެ.