07 Jun 2020, 15:57
ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން އެެމެރިކާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުން ހިތްވަރުލިބިގެން އޮސްޓްރޭލިއާ ފުލުުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ވެސް އެގައުމުގެ އެތައް ހާސް ބަޔަކު ނުކުމެއްޖެ އެެެވެ.
އޮސްޓްރޭލިއާގެ މީހުން މުޒާހަރާ ކުރަނީ އެގައުމުގެ އެބޮރިޖިނަލް ދަރިކޮޅުގެ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބައި މަރުވެފައިވާތީ ނުރުހުން ފާޅުކުުރުމުގެ ގޮތުންނެވެ.
މަރުވި މީހުންގެ އާއިލާތަކުގެ މީހުންގެ ވާހަކަތައް އަޑުއެހުމަށް އޮސްޓްރޭލިއާގެ މެލްބޯންއަށް އެތައް ބަޔަކު އެއްވި އެެވެ.
އޮސްޓްރޭލިއާގެ ޕާލެމަންޓަށް އެއްވި މީހުން ވަނީ އެމެރިކާގެ މުޒާހަރާތަކުގައި ބޭނުންކުރާ ފަދަ "ކަޅު މީހުންގެވެސް ހައްގުތަކެއް ވޭ"، "އަހަންނަކަށް ނޭވާއެއް ނުލެވޭ" ފަދަ ޝިއާރުތައް ބޭނުންކޮށްފަ އެެވެ. އަދި އޮސްޓްރޭލިއާއަކީ އެބޮރިޖިނަލް މީހުންގެ މީހުންގެ ބިމެއް ކަމަށް ވެސް ބުނެ ވަނީ އަޑުއުފުލައިފަ އެެވެ.

މަރުވެފައިވާ އޮސްޓްރޭލިއާގެ އެބޮރިޖިނަލް މީހުންގެ ހައްގުގައި އެގައުމުގައި މުޒާހަރާކުރަނީ--
ނަވާރަސަތޭކަ ނުވަދިހަ އެކަކުން ފެށިިގެން ކޮންމެ މަހަކު ކަަހަލަ ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެބޮރިޖިނަލް މީހަކު މަރުވެފައިވެ އެެވެ. އެގޮތަށް މަރުވި މީހުންގެ އަދަދު 432 އަށް އަރައެވެ.
އެ މުޒާހަރާގައި ބައިވެރިވި މީހެއް ކަމަށްވާ ކުމަންޖަޔީ ވޯކާ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ މިދިޔަ އަހަރު އޮސްޓްރޭލިއާގެ ފުލުހަކު އޭނާގެ އާއިލާގެ މީހަކު މަރާލި ކަމަށެެވެ. އެ މައްސަލައިގައި އެ ފުލުސް މީހާގެ މައްޗަށް ދައުވާކުރަން ފޮނުވާފައި އޮތް ނަަމަވެސް ޝަރީއަތް އަދި ވެސް ނުފަށާ ކަމަށް އޭނާ ބުންޏެވެ.
އެ މުޒާހަރާގައި ބައިވެރިވި އެބޮރިޖިނަލް މީހެއްކަމަށްވާ ބެލިންޑާ ޑޭ ބުނީ އޭނާގެ މަންމަ މަރުވީ ޖަލުގައި ހައްޔަރުކޮށްފައި ވަނިކޮށް ބޮލަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ކަަަމަށެެވެ. އަދި އޭނާގެ ބޮޑު ބޭބެ ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމުން އޭނާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.
"މަންމަގެ މިހާރު އެބަތިބި މާމަ ދަރިންވެސް. އެމީހުންވެސް ފުލުހުން ދެކެ ބިރުގަނޭ. އެބިރު އެތައް ޖީލަަކަށް ދެމިގެންދާނެ." ބެލިންޑާ ބުންޏެވެ.