މާލެ ސަރަހައްދަށް އިތުރު ހިކިފަސް ތަނެއް ބޭނުމީ މާލޭގައި ދިރިއުޅޭ އިތުރު އެހެން ގޮތެެއް ނެތް ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވެ، ގުޅީފަޅު ހިއްކުން ދިފާއު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

ގުޅީފަޅުގައި ރާއްޖޭގެ މައިޕޯޓް ހެދުމަށް އެ ފަޅުން ބައެއް ބިން ހިއްކަން ފަށާފައިވާއިރު އެކަމުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތައް ލިބޭތީ، ތިމާވެށި ހިމާޔަތް ކުރުމަށް އަޑުއުފުލާ ފަރާތްތަކުން ގެންދަނީ އެންވައިރިމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި އީޕީއޭގެ ވެރިޔާ، ޑިރެކްޓަރު ޖެނަރަލް މުހައްމަދު ނައީމްއަށް ވެސް ވަނީ ތައުރީފް ކުރައްވައިފަ އެވެ. މަޖިލީހުގައި ނައީމްއާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ފޮޓޯއަކު ނަޝީދު ލިޔުއްވި ޓްވީޓްގައި ވިދާޅުވީ، އެ ބޭފުޅާ އަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރުކުރާ ކަމަށެވެ. އަދި މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބިމެއް ބޭނުމީ މާލޭގައި ދިރިއުޅޭ މީހުންނަށް އެހެން ގޮތެއް ނެތުމުން ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށެވެ.

ހަމައެއާއި އެކު މި ސަރަހައްދު ތޮއްޖެއްސުން ހުއްޓުވުން ވެސް މުހިންމު ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

މާލޭގެ ތޮއްޖެހުުން ހައްލު ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި އެތަނުގައި މީހުން އާބާދުކޮށްފައިވެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަމުގައި އިތުރު ބައެއް ހިއްކައި ގިނަ ފްލެޓްތަކެއް ވަނީ އަޅާފަ އެވެ.

ނަމަވެސް ދުވަހުން ދުވަހަކަށް މާލޭގެ ތޮއްޖެހުން އަންނަނީ ބޮޑުވަމުންނެވެ.

މާލޭގެ ތޮއްޖެހުން ކުޑަކޮށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. އެކަމަށްޓަކައި މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކޮށް އެތަނާއި މާލެ ވިލިމާލެ ގުޅާލުމުގެ މަޝްރޫއު ދަނީ ކުރިއަށެވެ.

ގުޅީފަޅުގައި ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ސަބަބުން ތިމާވެށްޓަށް ނުރައްކާތެރި އަސަރުތައް ކުރަމުންދާ ކަމަށް ބުނެ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުން ދިޔަ ނަމަވެސް، ކޮށްފައިވާ ދިރާސާތަކަށް ބަލާނަމަ އެ މައްސަކަތް ހުއްޓާލަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.