07 Jun 2020, 14:19
މިދިޔަ 16 އަހަރު ތެރޭވެސް އެންމެ ގިނައިން މަސްގަތީ މިދިޔަ އަހަރުކަމަށް ގައުމީ މަސްކުންފުނި، މިފްކޯއިން ބުނެފި އެވެެ.
ޕީއެސްއެމްގެ "ރާއްޖެ މއިަދު" ޕްރޮގްރާމްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މިދިޔަ އަހަރު 48،000 ޓަނުގެ މަސް ކަލެކްޓްކޮށް މަސްވެރިންނަށް 901 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
"އިރާދަކުރެއްވިއްޔާ މަސްވެރިކަމަށް އިންވެސްޓްކުރަން ތިބީ އޮޑިވެރި ފަރާތްތަކުން އަޅުގަނޑަށް ހީވަނީ އިތުރު ދޯނިތަކެއް މާކެޓަށް ނެރޭނެ. ރަނގަޅު މަސްވެރިކަމެއްގައި އާދައިގެ މަސްވެރިއަކަށް އެބަ ލިބޭ ގާތްގަނޑަކަށް 30،000 ރުފިޔާ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ތިން ޓަނު ބާނާ ކަމަށް ވެއްޖިއްޔާ " އިސްމާއިލް ވިދާޅުވި އެވެ.
ކޮވިޑްއާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި އޮތުމުން މަސްވެރިންގެ އާމްދަނީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް އިސްމާއިލް ވިދާޅުވި އެެވެ.
ކޫއްޑޫ އަދި ފެލިވަރުގައި ހުންނަ މަސް ފެކްޓްރީގައި މަސް ރައްކާކުރުވޭ ނުވަތަ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ ފެލިވަރުގެ ސްޓޯރޭޖް ކެޕޭސިޓީ 4،000 ޓަނާ ހަމައަށް އިތުުރުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެެވެ.
"ދެކުނުގެ ސްޓޯރޭޖްގައި އެބައުޅޭ މައްސަލައެއް ގާތްގަނޑަކަށް . 2000 ޓަނުގެ ސްޓޯރޭޖްއެއް ރަނގަޅު މަސްވެރިކަމެއްގައި އަޅުގަނޑުމެންނަށް 300 ޓަނު ލިބޭ ކަމަށް ވަންޔާ އަޅުގަނޑުމެންނަށް ދެތިން ދުވަހުގެ ސްޓޯރޭޖްގެ މައްސަލަ އެބަ ދިމާވޭ. އެހެންވީމާ ކޫއްޑޫގެ ސްޓޯރޭޖް އެބަ ގެންނަން ގާތްގަނޑަކަށް 6000 ޓަނާ ހަމައަށް. ކުރިއަށް އޮތް ތަނުގައި ސްޓޯރޭޖްގެ މައްސަލައެއް ދިމައެއް ނުވާނެ." ފައުޒީ ވިދާޅުވި އެވެ.