ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯ ރިވިއު ޖާނަލް އެއް ނެރެފި އެވެ.

މި ޖާނަލް ނެރުނީ މޯޑިވްސް ލޯ އިންސްޓިޓިއުޓް އިންނެވެ.

''މޯލްޑިވްސް ލޯ ރިވިއު'' ގެ ނަމުގައި އަހަރަކު ތިން ފަހަރު ނެރޭ ޖާނަލްގެ ފުރަތަމަ ނަމްބަރު މިރޭ ނެރެދެއްވީ ނަސަންދުރާގަ ބޭއްވި ރަސްމިޔާތުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސެއިން އެވެ.

މޯޑިވްސް ލޯ އިންސްޓިޓިއުޓް ރައީސް މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ މި ޖާނަލް އަކީ ޤާނޫނާއި ބެހޭ ވާހަކަތައް އިލްމީ ފެންވަރެއްގައި ދެއްކުމުގެ ފުރުސަތު ހޯދަދިނުމަށް ނެރެން ފެށި ޖާނަލް އެއް ކަމަށެވެ.

ބައެއް މުހިންމު މައްސަލަތައް ނިމިފައިވާ ގޮތް ތަފުސީލު ކޮށްދިނުމަށް ބައެއް ޤަޒިއްޔާތަކާއި ގާނޫނީ ބައެއް އިލްމީ ލިޔުން ހިމަނާފައިވާ ޖާނަލް އާ ބެހޭ ގޮތުން ސުއޫދު ވިދާޅުވީ ޖާނަލްގެ އެންމެ ބޮޑު ބޭނުމަކީ ފެންވަރު ރަގަޅު ޤާނޫނީ ވަކީލުން އުފައްދުމަށް މަސައްކަތްކޮށްދިނުން ކަމަށެވެ.

ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކޮށްފިނަމަ ބޮޑު ހަރަދުތަކެއް ނުކޮށް ގާނޫނީ ދާއިރާ ތަރައްޤީ ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޤާނޫނީ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ކުރީގެ ފަނޑިޔާރު ވިދާޅުވީ ލޯ ރިވިއު އަށް ލިޔުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އޮތް ކަމަށާއި ފޮނުވޭ ލިޔުންތައް ޝާއިއު ކުރާނީ މޯޑިވްސް ލޯ އިންސްޓިޓިއުޓް ބޯޑަކުން ބަލައި އެ ފާސްކޮށް ރެފްރީންގެ ބޯޑަކުން ވެސް ފާސްކޮށްފައި ކަމަށެވެ.

ރެފްރީންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ޤަނޫނީ މާހިރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ޖާނަލް ނެރެދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ ލޯރިވިއު ޖާނަލް އަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް އަލިކޮށްދޭނެ އިލްމީ ދަންމަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޖާނަލްގެ ސަބަބުން ރާއްޖޭގެ ޖުޑިޝަރީއަށް އިތުރު މުއްސަނދި ކަމެއް ލިބުގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ލޯ ރިވިއުގެ ފުރަތަމަ ނަމްބަރު ނެރުމުގެ ހަފުލާގައި ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ހައިކޯޓުގެ އިސް ފަނޑިޔާރު އަޙްމަދު ޝަރީފް އަލީ ބައިވެރިވެ ވަޑައިގަތެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އިސް ބޭފުޅުން ފުރަތަމަ ނަމްބަރުގައި ސޮއިކޮށްދެއްވެވި އެވެ.