ހައިކޯޓުގެ ޝަރީއަތްތައް ލައިވްކޮށް ދުރަށް ދައްކައިގެން ކުރިއަށް ގެންދަން އެ ކޯޓުން ނިންމައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ބާއްވަން ފަށައިފަ އެވެ. އަދި އެ ކޯޓުގެ އަޑުއެހުންތައްވެސް ޔޫޓިއުބާއި ޓްވިޓާ މެދުވެރިކޮށް ލައިވް ކުރެ އެވެ.

މިއަދު ހައިކޯޓުންވެސް އެގޮތަށް ޝަރީއަތް ކުރިއަށް ގެންދަން ފަށާނެ އެވެ. ހައިކޯޓުގައި މިއަދު 11:30އަށް ވަނީ ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފަ އެވެ. އެ އަޑުއެހުން ހައިކޯޓުގެ މީސް މީޑީއާ މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް ހައިކޯޓުން ބުނެފައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ކޯޓުތަކުގެ ހިންގުމަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމެވެ. އެގޮތުން ސިވިލް ކޯޓުންވެސް ވަނީ އެ ކޯޓުގެ އަޑުއެހުންތައް ލައިވް ކުރަން ނިންމައިފަ އެވެ. މީގެ އިތުރުން ފެމެލީ ކޯޓުން ވަނީ އޮންލައިންކޮށް ކައިވެނިކޮށްދޭން ފަށައިފަ އެވެ.

ހައިކޯޓުން ފުރަތަމަ ފަހަރަށް ޝަރީއަތެއް ލައިވް ކުރާއިރު، ކްރިމިނަލް ކޯޓުގެ ޝަރީއަތެއްވެސް ލައިވްކޮށް ދުރަށް ދައްކާފައިވެ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިންގެ ޝަރީއަތެވެ.